2009 އިން 2018 އާ ދެމެދު ފާއިތުވެގެންދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދުނިޔޭގެ މުރަކައިގެ އާބާދީގެ 14 ޕަސެންޓް މުޅިން ނެތި ގޮސްފައި ވާ ކަމަށް، މުރަކައިގެ ސިއްހަތާ ބެހޭ ގޮތުން މިހާތަނަށް ހަދާފައި ވާ އެންމެ ބޮޑު ސާވޭ ބުނެފިއެވެ.
"ސްޓޭޓަސް އޮފް ކޮރަލް ރީފްސް އޮފް ދަ ވޯލްޑް: 2020" ގެ ނަމުގައި އާންމު ކޮށްފައި ވާ ރިޕޯޓަކީ، 40 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 73 ގައުމަކުން، 12000 ސައިޓެއްގެ 2 މިލިއަނެއްހާ ސާވޭ ޕޮއިންޓުން މައުލޫމާތު އެއްކޮށްގެން ތައްޔާރު ކޮށްފައި ވާ ބޮޑު ދިރާސާ ރިޕޯޓެކެވެ. މިއީ 2008 ވަނަ އަހަރަށްފަހު އެކުލަވާލި މިފަދަ ފުރަތަމަ ސާވޭއެވެ. އަދި ދުނިޔޭގެ ފެންވަރުގައި މިފަދައިން ހިންގި 6 ވަނަ ދިރާސާއެވެ.
ސާވޭ ރިޕޯޓް ބުނާ ގޮތުގައި ޑައިނަމައިޓް އަޅާ ގޮއްވައިގެން މަސްވެރިކަން ކުރުމާ، ތަޣައްޔަރު ކަމުގެ އިތުރުން ދުނިޔެ ހޫނުވުމަކީ ފަރުތައް ނެތި ދިއުމުގެ މައިގަނޑު ސަބަބުތަކެވެ.
2009 އިން 2019 އަށް ފަރުތައް ނެތި ގޮސްފައި ވާ ނިސްބަތަށް ބަލާއިރު އިރުމަތީ އޭޝިއާ ސަރަހައްދުގެ ފަރުގެ ސަރަހައްދުން 5 ޕަސެންޓް ނެތި ގޮސްފައި ވާއިރު، އީސްޓަން ޓްރޮޕިކަލް ޕެސިފިކް ސަރަހައްދުގެ ފަރުތަކުގެ 95 ޕަސެންޓް ނެތި ގޮސްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގް ނެޓްވޯކްގައި ހިމެނޭ 300 އަށް ވުރެ ގިނަ ސައެންސްވެރިން ބުނާ ގޮތުގައި، އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ދެކުނު އޭޝިއާ، ފެސިފިކް، އަރަބި ޕެނިންސިއުލާ އަދި އޮސްޓްރޭލިއާގެ އައްސޭރިފަށުގައި ފެތުރިފައި ވާ ފަރުގެ ސަރަހައްދުތަކަށެވެ.
އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް އޮފް މެރީން ސައެންސްގެ ސީއީއޯ އަދި ސާވޭ ރިޕޯޓްގެ މުސައްނިފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕޯލް ހާޑިސްޓީ ވިދާޅުވީ، ދުނިޔޭގެ ފަރުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ދުނިޔެ ހޫނުވުން ކަމަށެވެ.
ޖައްވަށް ބޭރު ކުރާ ދުނިޔެ ހޫނު ވިހަ ގޭސްތަކުގެ 90 ޕަސެންޓް ދަމާލަނީ ދުނިޔޭގެ ކަނޑުތަކަށެވެ. ނަތީޖާއެއްގެ ގޮތުން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސް، ފަރުތަކުގެ ދިރުންތަކަށް، އެ ހޫނު ތަހައްމަލު ނުކުރެވޭ ހިސާބަށް ހާލަތު ގޯސްވެއެވެ.
1998 ވަނަ އަހަރު ހިނގި ގާ ހުދުވުމުގެ ހާދިސާގައި، މުރަކަތަކުގެ 8 ޕަސެންޓް، މުޅިން ހަލާކުވެ ދިޔަ ކަން ފާހަގަ ކުރަން ޖެހެއެވެ.
ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ ސަތަހަށް ބަލާއިރު، ފަރުތައް ހިއްސާ ކުރަނީ އެންމެ 2 ޕަސެންޓްއެވެ. ނަމަވެސް ކަނޑުގެ ދިރުންތަކުގެ ޖަނަވާރުތަކާ ގަސްތަކުގެ 25 ޕަސެންޓް ހިއްސާކުރަނީ މި ފަރުތައް ކަންވެސް ފާހަގަ ކުރަންޖެހެއެވެ. މީގެ އިތުރުން ފަރުތަކަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާ އެތައް ބިލިއަން ބަޔަކަށް، އެކި ގޮތް ގޮތުން ފައިދާއާއި މަންފާ ލިއްބައިދެނިވި ނިޒާމެއްވެސްމެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން އުފައްދާ 36 ބިލިއަން ޑޮލަރާއެކު، ފަރުތަކުގެ ނިޒާމުން އަހަރެއްގެ މައްޗަށް 2.7 ޓްރިލިއަން ޑޮލަރު އުފައްދާ ކަމަށް ސާވޭ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.