ބިރުވެރި ފިލްމް "ދަ ކޮންޖުއަރިން" ކުޅެފައިވާ ނާމާން ކަމަށް ބުނާ ގެ، އަގޮބޮޑުކޮށް ވިއްކާލުމަށް ނިންމައިފިއެވެ.

18.5 މިލިއަން ރުފިޔާއަށް ވިއްކާލުމަށް ނިންމާފައިވާ މި ގެއަކީ ރޯޑް އައިލެންޑްގެ ބިއުރިލްވިލާގައި ހުންނަ ގެއެކެވެ. މި ގޭގެ ނާމާން ކަމާ ގުޅިގެން ގިނަބަޔަކު އެއީ ހަމަ ހަގީގަތުގައި ވެސް ނާމާން ގެއެއް ކަމަށް ބުނާއިރު މި ގެއަށް ޒިޔާރަތް ކޮށްފައިވާ ބައެއް މީހުން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެގޮތުން އެގެއިން ނާމާން އަޑުތައް އިވޭ ކަމަށާ، ޖިންނި ފަދަ ރޫހާނީ އެއްޗެހި ވެސް ފެންނަ ކަމަށް ބައެއް މީހުން ފާހަގަ ކުރެއެވެ.

1836 ވަނަ އަހަރު ހަދާފައިވާ މި ގެއަކީ 8.5 އެކްޓަރުގެ ބޮޑު ބިމެއްގައި ހުންނަ ގެއެކެވެ. މި ގޭގައި ހުންނަނީ ތިން ނިދާ ކޮޓަރިއާއި އެއް ފާހަނައެވެ. މި ގެއަކީ ވަރަށް ރީއްޗަށް ހަދާފައިވާ ބަލާލަން ވަރަށް ހިތްގައިމު ގެއެކެވެ.

2013 ވަނަ އަހަރު ނެރުނު "ދަ ކޮންޖުއަރިން" ފިލްމަކީ ބިރުވެރި ފިލްމުތަކުގެ ތެރޭގައި މަޝްހޫރު ބިރުވެރި ފިލްމެކެވެ. ހަގީގީ ހާދިސާތަކަށް ބިނާކޮށް ކުޅެފައިވާ މި ފިލްމުގެ ސީކުއެލްތަކެއް ވެސް ވަނީ ނެރެފައެވެ.