ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވަމުން ދާ މަންޒަރުތަކަށް ބަލާއިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް މަންޒަރަކީ، އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ރަށް، ނިއުދިއްލީގެ ބްރިޖެއްގެ ދަށުގައި މަތިންދާ ބޯޓެއް ތާށިވެފައި ވާ މަންޒަރެވެ.

ވައިރަލް ވެފައިވާ މި ވީޑިއޯއިން ފެންނަނީ ހަމަ ހަގީގީ މަންޒަރެކެވެ. ބްރިޖު ދަށުގައި ތާށިވެފައި އޮތި ހަމަ ހަގީގީ މަތިންދާ ބޯޓެކެވެ.

ބުނެވޭ ގޮތުގައި މި ބޯޓަކީ ބާ ދަގަނޑުގެ ގޮތުގައި ވިއްކާލާފައި ވާ މަތިންދާ ބޯޓެކެވެ. ރަނގަޅަށް ވީޑިއޯ ބަލާލުމުން، އެއާ އިންޑިއާގެ ލޯގޯ ޖަހާފައި ވާ ބޯޓުގެ ފިޔަގަނޑު ނައްޓާލާފައި ވާ ކަންވެސް އެނގޭނެއެވެ.

ބްރިޖު ދަށުގައި ބޯޓު ތާށިވީ، އެއްތަނުން އަނެއް ތަނަށް ބޯޓު އުފުލުމަށް ކުރި ދަތުރުގެ ތެރޭގައެވެ. އެއާ އިންޑިއާއިން ވަނީ، މިކަމާ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

އަދި މިކަމެއް ހިނގީ، ބޯޓުގެ އާ ވެރިފަރާތުން އެ އުފުލުމުގެ ތެރޭގައި ހަރަކާތްތެރިވި މީހަކަށް ހެދުނު ގޯހަކުން ކަމުގައި ވެދާނެ ކަމަށް ދިއްލީ އެއާޕޯޓްގެ އޮފިޝަލުންވެސް ވަނީ ވިދާޅުވެފައެވެ.

ޑިސެމްބަރު 2019 ގައި ވެސްޓް ބެންގޯލް ސަރަހައްދުގައިވެސް މި ފަދަ ހާދިސާއެއް ހިނގިއެވެ.