ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި މެލޭޝިއާއަށް ވީ އިގުތިސޯދީ ސަރަހައްދު (އީއީޒީ)ގައި ޗައިނާއިން ހިންގަމުން ދާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން، މެލޭޝިއާގައި ހުންނަވާ ޗައިނާގެ ސަފީރު ހާޒިރު ކުރައްވާފައި ވާނެ ކަމަށް މެލޭޝިއާއިން ހާމަކޮށްފިއެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ 1982 ވަނަ އަހަރު އެކުލަވާލި ދުނިޔޭގެ ކަނޑުތަކާ ބެހޭ އދގެ މުއާހަދާގެ ރޫހާ ހިލާފަށް، ސާވޭ ކުރާ އުޅަނދެއްވެސް ހިމެނޭހެން ޗައިނާގެ ކަނޑުގެ އުޅަނދު ފަހަރު، މެލޭޝިއާގެ ސަބާހްއާއި ސަރަވަކްގެ އައްސޭރިފަށުން ބޭރު ސަރަހައްދުގައި ޗައިނާއިން ހަރަކާތްތެރި ކުރަމުން ގެންދާ ކަމަށެވެ.

ޗައިނާއިން އެ ސަރަހައްދެއްގެ މިލްކުވެރި ކަމަށް ވަކާލާތު ކުރަމުން އަންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން މެލޭޝިއާއަށް ވީ ބައިގެ ތެރޭގައި ޗައިނާއިން ހަރަކާތްތެރި ކޮށްފައި ވަނީ ކިހާ އަދަދެއްގެ ކަނޑު އުޅަނދެއް ކަމެއް އަދި އެކަން ކޮށްފައި ވަނީ ކޮން ދުވަސްވަރެއްގައި ކަމެއްވެސް މެލޭޝިއާއިން ހާމަކޮށްފައެއް ނުވެއެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓްރީއިން ބުނީ، ކަންކަމުގައި މެލޭޝިއާއިން ދެކޭ ގޮތާއި އަޅާ ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން އޮންނަ ކަމެއް ކަމަށާ، މިކަން ކުރަނީ މެލޭޝިއާގެ އިސްތިގުލާލާއި، މެލޭޝިއާގެ ކަނޑުގެ ސަރަހައްދުގެ މައްޗަށް އެ ގައުމަށް ލިބިދީފައި ވާ އިސްތިގުލާލީ ހައްގުގެ ދިފާއުގައި ކަމަށެވެ.

ދެކުނު ޗައިނާ ކަނޑަކީ، އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އިންތިހާއަށް ހޫނުވެ، ކޮޅެއްގައި ނުޖެހި އޮތް ސަރަހައްދެކެވެ. މެލޭޝިއާގެ އިތުރުން ފިލިޕީންސް، ވިއެޓްނާމް އަދި ބުރޫނާއިއިންވެސް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ އެކި ހިސާބުތަކުގެ މިލްކުވެރިކަމަށް ވަކާލާތު ކުރާއިރު، އެންމެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާ، އެކަމުގައި މުށްބާރު ސިޔާސަތެއް ގެންގުޅެނީ ޗައިނާއިން ކަން ފާހަގަ ކުރަން ޖެހެއެވެ.