ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެންމެ ފުރަތަމަ ތަރައްގީ ކުރި ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ފައިޒާ/ބައޮއެންޓެކް ކުންފުނީގެ ވެކްސިން ޖަހާތާ 6 މަހެއްހާ ދުވަހުގެ ތެރޭގައި، ވައިރަހާ ދެކޮޅަށް ދިފާއު ލިއްބައި ދިނުމުގެ ބާރު ދަށްވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ ގައުމުތަކާ އޭޝިއާ ބައެއް ގައުމުތަކުން ފައިޒާގެ ބޫސްޓާ ޑޯޒްއާ ދިމާއަށް މިސްރާބު ޖަހާ އެ މަސައްކަތް ފަށާފައި ވާ މި ދަނޑިވަޅުގައި ޝާއިއު ކޮށްފައި ވާ މި ދިރާސާ ބުނާ ގޮތުގައި ފައިޒާ ވެކްސިން ޖަހާތާ 6 މަހެއްހާ ދުވަހުގެ ތެރޭގައި، ވެކްސިނުން ދިފާއު ލިއްބައިދޭ ނިސްބަތް، 88 ޕަސެންޓް އިން 47 ޕަސެންޓަށް ދަށަށް ދެއެވެ.
ކަން މިހެން އޮތް ނަމަވެސް، ކޮވިޑް ޖެހިގެން ހިސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމާއި، ފުރާނަ ގެއްލިދިއުމުގެ ދަރަޖައަށް ބަލިހާލު ދެރަވުމުން ރައްކާތެރި ކޮށްދިނުމުގެ ފުރުސަތު، 6 މަސް ވާއިރުވެސް 90 ޕަސެންޓްގައި ހިފެހެއްޓިފައި އޮންނަ ކަމަށްވެސް، ދަ ލޭންސެޓްގައި އާންމު ކޮށްފައި ވާ މި ދިރާސާ ބުނެއެވެ. އަދި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށްވެސް މިކަން އޮތީ މިހެން ކަމަށް ދިރާސާގައި ބަޔާން ކޮށްފައި ވެއެވެ.
6 މަސްދުވަހުގެ ތެރޭގައި، ދިފާއު ލިއްބައިދިނުމުގެ ބާރު ކުޑަ ވާ ކަމަށް ދިރާސާގައި ބަޔާން ކޮށްފައި ވަނީ، ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓްތަކެއްގެ ސަބަބުން ކަމުގައި ވުމުގެ ބަދަލުގައި، ދުވަސްވެގެން ވެކްސިންގެ ބާރު ދެރަވުމުގެ މާނާގައި ކަމަށް ދިރާސާ ކުރި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.
މި ދިރާސާއަކީ ފައިޒާ ކުންފުންޏާއި ކެއިޒާ ޕާމަނަންޓޭގެ ދިރާސާ ކުރާ ފަރާތްތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާއަށް މައުލޫމާތު އެއް ކޮށްފައި ވަނީ ޑިސެމްބަރު 2020 ގައި ފައިޒާ ވެކްސިން ޖަހަން ފެށި ހިސާބުން އޯގަސްޓް 2021ގެ ނިޔަލަށް، ކެއިޒާ ޕާމަނަންޓޭގެ 3.4 މިލިއަން މެންބަރުންގެ ސިއްހަތާ ބެހޭ ޑިޖިޓަލް މައުލޫމާތު އެއްކޮށްގެންނެވެ.
މި ދިރާސާ އެންމެ ފުރިހަމަ ނުވާ އެއް ސަބަބަކީ، ކޮވިޑުން ދިފާއުވުމަށް އަޅަންޖެހޭ ރައްކާތެރި ކަމުގެ އެހެން ފިޔަވަޅުތައް، މިސާލަކަށް މާސްކު އެޅުން ފަދަ ފިޔަވަޅުތަކުގެ އަސަރު، މި ދިރާސާގައި ވަޒަން ކޮށްފައި ނުވުމެވެ.