އޯފްޝޯ ކުންފުނިތަކެއް މެދުވެރިކޮށް މާލީ ގޮތުން ނާޖައިޒު މަންފާތަކެއް ހާސިލު ކުރެއްވުމަށް ދުނިޔޭގެ ނުފޫޒުގަދަ ލީޑަރުންތަކެއް ކުރައްވާފައި ވާ މަސައްކަތްތަކުގެ މާލީ ތަފްސީލުތައް ލީކުކޮށްލި "ޕެންޑޯރާ ޕޭޕާޒް"ގައި އިލްޒާމް އަމާޒުވި ދުނިޔޭގެ ބައެއް ލީޑަރުން، ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވެ، ދިފާއަށް ކުޅުއްވަން ފައްޓަވައިފިއެވެ.

މީގެ ކުރިން އަދި މިހާރުވެސް އެކި ގައުމުތަކުގައި ވެރިކަން ކުރައްވަމުން ގެންދަވާ 35 ލީޑަރެއްގެ މައުލޫމާތު، "ޕެންޑޯރާ ޕޭޕާޒް"ގައި އާންމު ކޮށްފައި ވާއިރު، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2 ބިން އަލް-ހުސައިންއާއި ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ހިމެނިވަޑައިގަންނަވައެވެ. މި 2 ލީޑަރުންވެސް ވަނީ، ގޯހެއް ހައްދާފައި ނުވާނެ ކަމަށް ވިދާޅުވެ ބަޔާންތައް އާންމު ކުރައްވާފައެވެ.

އުރުދުންގެ ޝާހީ ގަނޑުވަރުން ބުނީ، ގައުމުން ބޭރުން ބިން ބައްލަވައިގަތުމަކީ، އާދަޔާ ހިލާފު، އަދި އުސޫލުން ބޭރު ކަމެއް ނޫން ކަމަށެވެ.

"ޕެންޑޯރާ ޕޭޕާޒް"ގައި ބުނާ ގޮތުން، 1999 ވަނަ އަހަރު އުރުދުންގެ ބާރު ނެންގެވި ފަހުން، ޢަބްދުﷲ ރަސްގެފާނު 2 ވަނީ، އެމެރިކާއާއި އިނގިރޭސިވިލާތުން ބިން ބައްލަވައިގަތުމުގައި ސިއްރިއްޔާތުގައި 100 މިލިއަނެއްހާ ޑޮލަރު ހަރަދު ކުރައްވާފައެވެ.

އުރުދުންގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު، ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވަނީ "ޕެންޑޯރާ ޕޭޕާޒް"ގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަވާފައެވެ. އަދި، ރައީސް ޕޫޓިންއާއި ޕޫޓިންގެ އަރިސް މެންބަރުން، ތަނަވަސްކަން ސިއްރު ކުރެއްވި ކަންވެސް ފެންނަން ނެތް ކަމަށް ޕެސްކޯފް ވަނީ ވިދާޅުވެފައެވެ.

"ޕެންޑޯރާ ޕޭޕާޒް" އަކީ، ދުނިޔޭގެ ވަރުގަދަ ޝަހްސުންގެ މާލީ ފަތިފުށް ލީކު ކުރުމުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ސިލްސިލާއެވެ. މީގެ ކުރިން، "ފައިންސެން ފައިލްސް"، "ޕެރަޑައިޒް ޕޭޕާޒް"، "ޕެނަމާ ޕޭޕާޒް" އަދި "ލަކްސްލީކްސް"ގެ ގޮތުގައި، މިފަދަ މައުލޫމާތުތައް ލީކު ކޮށްފައިވެއެވެ.

"ޕެންޑޯރާ ޕޭޕާޒް"އަކީ، އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް ނުވަތަ ތަހުގީގީ ނޫސްވެރިންގެ ބައިނަލްއަގުވާމީ އިއްތިހާދުން މިހާތަނަށް އެކުލަވާލި މިފަދަ އެންމެ ބޮޑު ދިރާސާއެވެ. މި މަސައްކަތުގައި، ދުނިޔޭގެ އެކި ހިސާބުތަކުން 450 އަށް ވުރެ ގިނަ ނޫސްވެރިން ބައިވެރިވިއެވެ.

"ޕެންޑޯރާ ޕޭޕާޒް" ގައި 12 މިލިއަނެއްހާ މާލީ ލިޔެކިއުމެއް އެކުލެވެއެވެ. މި މައުލޫމާތު އެއްކޮށްފައި ވަނީ، ބްރިޓިޝް ވާޖިން އައިލަންޑްސް، ޕެނަމާ، ބެލީޒް، ސައިޕްރަސް، އެކުވެރި އަރަބި އިމާރާތް، ސިންގަޕޫރު އަދި ސުވިޓްޒަލޭންޑް ފަދަ ގައުމުތަކުގައި މާލީ ހިދުމަތް ދޭ 13 ކުންފުންޏެއް މެދުވެރިކޮށެވެ. މި ތަފާސް ހިސާބުތަކުގައި 2.94 ޓެރަބައިޓްގެ މައުލޫމާތު އެކުލެވެއެވެ.