ކާމިޔާބު ކަމާއެކު ތައުލީމީ ނިޒާމް ނެގެހެއްޓެން އޮތީ، ޓީޗަރުން ތަމްރީނުކޮށް މަސައްކަތުގެ ދާއިރާއިން އެ ފަންނުވެރިކަން ތަރައްގީ ކުރާނެ ފުރުސަތުތައް ފަހިކޮށްދީ، ޓީޗަރުންގެ އަދަދު އިތުރު ކުރުމަށްޓަކާ، ޓީޗަރުންނަށް އިންވެސްޓްކޮށްގެން ކަމަށް ޓީޗަރުންގެ ހިދުމަތްތަކާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުގެ އިސްވެރިން ގޮވާލައްވައިފިއެވެ.

ޓީޗަރުންގެ ހިދުމަތްތަކާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުގެ އިސްވެރިން މިކަމަށް ގޮވާލައްވާފައި ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން، ތައުލީމާ، ސައެންސް އަދި ސަގާފަތާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ)ގެ ޑައިރެކްޓާ ޖެނެރަލް އޯޑްރޭ އަޒޫލޭއާ، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ (އައިއެލްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ގައި ރައިޑާ، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)ގެ އެގްޒެކެޓިވް ޑައިރެކްޓާ ހެންރިއެޓާ ފޯ އަދި އެޑިއުކޭޝަން އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް ޑޭވިޑް އެޑްވާޑްސް އާންމު ކުރެއްވި ގުޅިފައި ވާ ބަޔާނުގައެވެ.

ޓީޗަރުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކާ ފަންނުވެރިކަމާ ހުނަރުވެރިކަން އިތުރުކޮށް، އެކި ކަހަލަ ދަރިވަރުންގެ އިލްމީ ބޭނުންތަކަށް ހިދުމަތް ދެވޭ ފެންވަރަށް ޓީޗަރުންގެ ގާބިލިއްޔަތުކަން އިތުރު ކުރުމަށްޓަކާވެސް، ޓީޗަރުންނަށް ކުރާ އިންވެސްޓްމަންޓް އިތުރު ކުރަން ޖެހޭ ކަމަށް ދާއިރާގެ އިސްވެރިން ވަނީ ގޮވާލައްވާފައެވެ.

ތައުލީމީ ނިޒާމް ނަގަހައްޓަން ކުރާ މަސައްކަތް ކާމިޔާބުވާން އޮތީ އަތާއި އަތް ޖޯޑުކޮށްގެން މަސައްކަތް ކޮށް، ޓީޗަރުންނަށް، އެ ޓީޗަރުންގެ އަޑު އިއްވާނެ ފުރުސަތު ދީގެން ކަމަށާ، ނިންމުންތައް ނިންމުގެ ފެންވަރުގައިވެސް ބަސް ބުނުމުގެ ހައްގު، އެ ޓީޗަރުންނަށް ދީގެން ކަމަށް ގުޅިފައި ވާ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ތައުލީމީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކޮށްފައި ވާ މި ދަނޑިވަޅުގައި، މި ކާރިސާއިން އަރައިގަނެ، ތައުލީމީ ނިޒާމަކީ މިފަދަ ކަންކަމުގައިވެސް ސާބިތު ނިޒާމެއް ކަން ކަށަވަރު ކުރުމަށްޓަކާ، ޓީޗަރުންނަށް ލިބިފައި ވާ އިލްމާއި ހިލްމަށް އިހުތިރާމް ކުރަންޖެހޭ ކަމަށް، ޓީޗަރުންގެ ހިދުމަތްތަކާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުގެ އިސްވެރިން ވަނީ ގޮވާލައްވާފައެވެ.

މި މޭރުމުން، ޓީޗަރުންނަށް އިންވެސްޓްކޮށް، ތައުލީމީ ނިޒާމު ނަގަހައްޓަން ކުރާ މަސައްކަތުގައި، ޓީޗަރުންނަށް އިސްކަން ދިނުމަށްވެސް ލީޑަރުން ވަނީ ގައުމުތަކަށް ގޮވާލައްވާފައެވެ. މިކަމަކީ، އިލްމު ހާސިލު ކުރާ ކޮންމެ މީހަކީވެސް ފެންވަރު ރަނގަޅު އެދުރެއްގެ ހިޔާ ލިބޭ މީހެއްކަން ކަށަވަރު ކޮށްދެނިވި ކަމަކަށް ވެގެންދާނެ ކަމެއް ކަމަށްވެސް ޓީޗަރުންގެ ހިދުމަތްތަކާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުގެ އިސްވެރިން ވަނީ ފާހަގަ ކުރައްވާފައެވެ.