މޫލީން ވިޔަފާރިކޮށްގެން ސާފް ޗެމްޕިއަންޝިޕްގެ މެޗެއް ބަލާލަން ޓިކެޓް ލިބޭ އޮފާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނީ، މި ދުވަސްވަރު މޫލީން ކުރާ ވިޔަފާރިތަކުގެ ތެރެއިން ނަސީބުވެރި ފަރާތެއް ހޮވުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ދޭ އިނާމަކީ ސާފް ޗެމްޕިއަންޝިޕްގެ މެޗެއް ބަލާލަން ހިލޭ ޓިކެޓެއް ކަމަށް އުރީދޫން ބުނެއެވެ.

ހޮވޭ ނަސީބު ވެރި ފަރާތަކަށް އެ މީހަކު ބަލަން ބޭނުންވާ މެޗު އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ މެޗް އޮންނަ ކޮންމެ ދުވަހަކު ނަސީބުވެރި އެކަކު ހޮވާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، މި މަހުގެ 7 ވަނަ ދުވަހު ހަވީރު އިންޑިއާ އާއި ސްރީލަންކާ ބައްދަލު ކުރާ މެޗެއް ކުޅުމަށް ތާވަލު ކޮށްފައިވާ އިރު އެރޭ އޮންނާނީ ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗެކެވެ.

އެއަށް ފަހު 10 އޮކްޓޯބަރުގެ ހަވީރު ރާއްޖެއާއި ސްރީލަންކާ ގެ މެޗެއް ކުޅޭ އިރު އެރޭ އިންޑިއާއާއި ނޭޕާލް ބައްދަލު ކުރާ މެޗެއް ވަނީ ތާވަލް ކޮށްފައެވެ. އެއަށް ފަހު މި މަހުގެ 13 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާއި ނޭޕާލްގެ މެޗެއް އޮތް އިރު އެރޭ ރައްޖެއާއި އިންޑިއާގެ މެޗެއް ވަނީ ތާވަލް ކޮށްފައެވެ.