ދިވެހިރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމަށް ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލްކުރުމަށް ފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރި މައްސަލައިގެ ތަހުގީގު އޭސީސީއިން ނިންމާ ދައުވާކުރަން ފޮނުވައިފިއެވެ.
އެ މައްސަލާގައި، ދައުވާކުރަން ފޮނުވާފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޒު އަލީ (ބްލޫބެލް/ ސ.ހުޅުދޫ) އާއި، ހަމަދު އަބްދުލްޣަނީ (ގ.ސައިމާ/ ކ،މާލެ) އާއި، އަލީ އިކްރާމް (ވައިލެޓްވިލާ/ ވ.ކެޔޮދޫ) އާއި، މުހައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ.މަނަދޫ) އާއި، މަރްޔަމް ސަމާހަތު (ފަތިސްހަނދުވަރުގެ/ ހއ.ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ މައްޗަށެވެ.
އެފަރާތްތަކުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ، ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނަށް ބިޑް ހުށަހަޅާފައިވަނީ 03 ކުންފުންޏަކުންނެވެ. އަދި އެ މިނިސްޓްރީގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށެވެ.
އޭސީސީއިން ބުނީ،، އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގާ ކަމަށް ސާބިތުވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑްއާއެކު ޤާއިމްކޮށްފައިވާ އެ އެއްބަސްވުން އެޕްރީލް 15 ،2021 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބާތިލްކޮށްފައެވެ.