ސަރުކާރުގެ ހުއްދައެއް ނެތި ސީރިއާއަށް އަދިވެސް ދަތުރު ނުކުރެވޭނެ ކަމަށް ބުނެފިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ ގޮތުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ. އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާ އެކު، ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖާ ކުރަމުން ގެންދަން ޖެހޭނެއެވެ.

އެގޮތުން އެ ލިސްޓް މުރާޖާކޮށް، އިއްޔެ ވަނީ އާ ލިސްޓެއް ނެރެފައެވެ. އެ ލިސްޓުގައި ކުރިން ނެރެފައިވާ ލިސްޓާ އަޅާ ބަލާއިރު އެއްވެސް ތަފާތެއް ނެތެވެ. ކުރީ ލިސްޓުގައި ވެސް އާންމުކޮށްފައިވާ 19 ޖަމާއަތެއް އިއްޔެ އާންމު ކުރި ލިސްޓުގައި ހިމެނެއެވެ. އޭގެތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް)، އަލްގައިދާ ފަދަ ޖަމާއަތްތައް ހިމެނެ އެވެ.

މީގެ އިތުރުން މިފަހަރުގެ ލިސްޓުގައި ވެސް، ދިވެހިން ދަތުރުކުރުން މަނާކޮށްފައިވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާ ހިމަނާފައިވެއެވެ. އެހެންވުމުން އެއްވެސް ބޭނުމެެއްގައި ސީރިއާ އަށް ދިވެހިން ދަތުރު ކުރުން މަނާ ވާނެއެވެ.

ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެހީތެރިވުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ސަރުކާރުގެ ހުއްދަ ނެތި ދިވެއްސަކު ދަތުރުކޮށްފި ނަމަ، އެއީ ވެސް ޖަލު ހުކުމް އަންނަ ކުށެކެވެ.

ސީރިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ޖިހާދު ވުމުގެ ނަމުގައި ގޮސް އުޅޭ ބިމެކެވެ. ސީރިއާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ 400 އަށް ވުރެ ގިނަ ދިވެހި އަންހެނުން ސީރިއާގައި ހަށި ވިއްކުމުގައި އުޅޭ ކަމަށެވެ. އަދި މީގެ ތެރެއިން 160 އެއްހާ މީހުން މަރުވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ. ސީރިއާގައި ތިބި ދިވެހިންގެ އަދަދާ ބެހޭ ގޮތުން ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވަނީ 173 މީހަކު ސީރިއާއަށް ހަނގުރާމައަށް ގޮސްފައި ވާ ކަމަށެވެ.