ޖަޕާނުގެ 100 ވަނަ ބޮޑުވަޒީރު ކަމުގެ މަގާމަށް، އެ ގައުމުގެ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރު، ފުމިއޯ ކިޝީޑާ އައްޔަން ކޮށްފިއެވެ.

އެލްޑީޕީގެ ލީޑަރު ކަމުގެ މަގާމު، ހުސްވި ހަފުތާގައި ކާމިޔާބު ކުރެއްވި ކިޝީޑާ، 64، ޖަޕާނުގެ 100 ވަނަ ބޮޑުވަޒީރު ކަމުގައި އައްޔަން ކުރީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓަކަށް ފަހުގައެވެ.

ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވުމާއެކު، ކިޝީޑާ ވަނީ އޭނާގެ ކެބިނެޓް އިއުލާން ކުރައްވާފައެވެ. ކިޝީޑާގެ ކެބިނެޓްގައި، ޖަޕާނުގެ މަގުބޫލު ބޮޑުވަޒީރު، ޝީންޒޯ އަބޭގެ އަރިސް މެންބަރުން ގިނައެވެ. ކެބިނެޓްގައި 20 ވަޒީރުން ހިމެނިވަޑައިގަންނަވާ އިރު، 13 މެންބަރުންނަކީ މީގެ ކުރިން ވަޒީރުކަން ކުރައްވާފައި ނުވާ ބޭފުޅުންނެވެ. ކެބިނެޓްގައި އަންހެން 3 ވަޒީރަކު ހިމެނިވަޑައިގަންނަވާ އިރު، ހުރިހާ ވަޒީރުންގެ އެވަރޭޖު އުމުރަކީ 61 އެވެ.

ކިޝީޑައަކީ ޖަޕާނުގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުގެ ގޮތުގައި ހިދުމަތް ކުރެއްވި އަބޭގެ ވެރިކަމުގައި، 2012 އިން 2017 އަށް، ޖަޕާނުގެ ހާރިޖީ ވަޒީރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ ހުންގާނުގައި ކިޝީޑާއަށް ހިއްޕަވަން ޖެހިވަޑައިގެންފައި ވާ މި ދަނޑިވަޅަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އެ ގައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައި ވާ ދަނޑިވަޅެކެވެ.

މުރާސިލުން ސިފަކުރާ ގޮތުގައި ކިޝީޑާއަކީ އެއްބާރުލުން ބިނާކުރައްވާ ބޭފުޅެކެވެ. އަދި ކިޝީޑާއަކީ ހަމަޖެހުން ރަމްޒުކޮށްދެއްވާ ޝަހްސެއްވެސްމެއެވެ.

ދުނިޔޭގައި 3 ވަނައަށް އެންމެ ވަރުގަދަ އިގުތިސޯދުގެ ގޮތުގައި އޮތް ޖަޕާނަށް ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކުން އަރައިގަތުމަށް ގައުމުގެ ހުންގާނުގައި ހިއްޕަވަން ޖެހިވަޑައިގެންފައި ވާ ކިޝީޑާ ވަނީ، އާމްދަނީގައި ހުރި ފަރަގުތައް ކުޑަ ކުރައްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ.

ކިޝީޑާގެ ހާރިޖީ ސިޔާސަތަށް ބަލާއިރު، އޭނާ ވަނީ ހުޅުވާލެވިފައިވާ މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ. ޖަޕާނާއި ޗައިނާގެ އިގުތިސޯދީ ގުޅުންތައް އިތުރަށް ފުޅާ ކުރައްވަމުން، އެމެރިކާއާ އެކުގައިވެސް ޖަޕާނުން ގުޅުންތައް ބަދަހި ކުރަމުން ދާނެ ކަމަށް ލަފާ ކުރެވެއެވެ.