މި އުއްމަތުގެ ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓުން ކުރެހި ސްވީޑަންގެ ކާޓޫނިސްޓް ލާޒް ވިލްކްސް، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ކީރިތި ރަސޫލާގެ މޫނުފުޅު ކަމަށް ބުނެ، ކުއްތާއެއްގެ ހަށިގަނޑުގައި މޫނެއް ކުރަހައިގެން، އެކަލޭގެފާނަށް ފުރައްސާރަ ކުރި ވިލްކްސް މަރުވީ، ސްވީޑަންގައި، މަދަނީ ފުލުހުންގެ ވެހިކަލެއްގައި އޭނާ ދުއްވަމުން ދަނިކޮށް، އެ އުޅަނދު، ޓްރަކެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި ފުލުހުންގެ 2 އޮފިސަރަކުވެސް ވަނީ މަރުވެފައެވެ. އަދި ޓްރަކް ދުއްވަން އިން މީހާ ޒަހަމްވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ރަސޫލާ އަށް ފުރައްސާރަކޮށް 2007 ވަނަ އަހަރު ކާޓޫން ޝާއިއު ކުރި ހިސާބުން، ގިނަ ބައެއްގެ ފަރާތުން މަރުގެ އިންޒާރުތައް ލިބެމުން ދިޔަ ވިލްކްސްގެ ހަޔާތުގެ ފަހުގެ ދުވަސްތައް ހޭދަ ކުރަމުން ދިޔައީ ފުލުހުންގެ "ހިމާޔަތުގަ"އެވެ.

ނަބިއްޔާ އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި ޑެންމާކްގެ ކާޓޫނިސްޓް، ކާޓް ވެސްޓަގާޑް ވެސް މިއަހަރު ތެރޭގައި ވަނީ މަރުވެފެފައެވެ. މުޅި އިސްލާމީ ދުނިޔެ އެމީހަކާ ދެކޮޅަށް ނަފުރަތުގެ ގިނީގައި ތެދުވި ވެސްޓަގާޑް މަރުވީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުގައި ކަމަށް އޭނާގެ އާއިލާއިން އޭރު ވަނީ ހާމަކޮށްފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން