ޑްރަގްގެ މައްސަލައަކާ ގުޅިގެން، ބޮލީވުޑްގެ ސުޕާސްޓާ ޝާހްރުކް ހާން (އެސްއާރްކޭ)ގެ ފިރިހެން ދަރިފުޅު، އާރްޔާން ހާން، މިއަދުގެ ވަގުތެއްގައި، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި އާރްޔަން ހާން ތަމްސީލު ކުރާނީ، ވަކީލު ސަތީޝް މަނީޝިންޑޭ ކަމަށް ހަބަރު ލިބެއެވެ. އަދި މުމްބާއީގައި ހުންނަ އެންސީބީގެ އޮފީހަށް މިއަދުގެ ވަގުތެއްގައި އޭނާ ގޮސްފައި ވާ ކަމަށްވެސް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އާރްޔަން ހައްޔަރު ކޮށްފައި ވަނީ، އިންޑިއާގެ މަސްތުވަތަކެއްޗާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުންނެވެ. ހައްޔަރު ކުރުމާއެކުގައި ހެން، މެޑިކަލް އިވަލުއޭޝަން ހެދުމަށްޓަކާ، މުމްބާއީގައި ހުންނަ ޖޭޖޭ ހޮސްޕިޓަލަށް އާރްޔަން ގެންގޮސްފައި ވާކަމަށްވެސް ހަބަރު ލިބެއެވެ.

އެންސީބީއިން ވަނީ، މުމްބާއީގެ އައްސޭރިން ބޭރުގައި އޮތް ކުރޫޒް ޝިޕެއްގައި ކުރިއަށް ގެންދިޔަ ޕާޓީއެއް، އޮކްޓޯބަރު 2 ވަނަ ދުވަހު ރެއިޑް ކޮށްފައެވެ. ރެއިޑުން އަތުލައިގަތް ތަކެތީގެ ތެރޭގައި އެމްޑީއެމްއޭ/އެކްސްޓަސީ، ކޮކެއިން، މެފަޑްރޯން އަދި އެނޫންވެސް ބާވަތެއް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

އެ ރެއިޑްގައި، ބޮލީވުޑްގެ ވަރުގަދަ ތަރިއެއްގެ ދަރި ހިމެނޭ ކަމަށް ހަބަރު ފެތުރިގެން ދިޔައެވެ. އަދި އެއީ އެސްއާރްކޭގެ އާރްޔަން ހާން ކަން އޭއެންއައިން ވަނީ ރިޕޯޓް ކޮށްފައެވެ. އެންސީބީގެ މުމްބާއީ ޑައިރެކްޓާ، ސަމީރު ވަންކިހީދޭ ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެންސީބީގެ ޗީފް އެސްއެން ޕްރާދަން ވަނީ ކޮންމެ މަގާމެއްގެ އަދި ކޮންމެ ހައިސިއްޔަތެއްގެ މީހަކު ހިމެނުނު ކަމުގައި ވީ ނަމަވެސް، އިންސާފުން މައްސަލަތައް ބަލަމުން ދާނެ ކަމަށް ވިދާޅުވެ

އެންސީބީގެ އޮފިޝަލުން، އާރްޔަންގެ ފޯނު ބަލާ ފާސްކޮށްފައި ވާ ކަމަށާ، މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގައި ސީދާ ގޮތުން ބައިވެރިވި ކަމުގެ ހެކި، އޭނާގެ ފޯނުން ފެނިފައި ވާ ކަމަށްވެސް މަސްދަރަކާ ހަވާލާދީ، އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.