ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން، ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ބުސްޓާ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިންގެ ޑޯޒެއް ކަމަށެވެ.

ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން ނިންމާ އެޗްޕީއޭއިން އެކަން އިއުލާންކުރީ ދާދި ފަހުންނެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ލަފާގެ މަތިން ބޫސްޓާ ޑޯޒް އެމީހުންނަށް ދޭން ނިންމާފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިދިނުމަށް ހަމަޖެހިފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލަށް އެކަންޏެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9 އިން މެންދުރު 2 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ މެންދުރު 1 އިން 3 އަށެވެ.

ބޫސްޓާ ޝޮޓަށް ޝަރުތު ހަމަވާ ފަރާތްތަކުން، book.hpa.gov.mv އިން އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބޫސްޓާ ޝޮޓް ޖަހަން ހަމަޖެހިފައިވާ ފަރާތްތައް:

  • ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން
  • 60 އަހަރުން މަތީގެ މީހުން
  • ދިފާއީ ނިޒާމް ބަލިކަށި މީހުން

ދިފާއީ ނިޒާމް ބަލިކަށި މީހުންގެ ގޮތުގަ ހިމެނޭ ފަރާތްތައް:

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ ފަރާތްތައް
  • ދިފާއީ ބާރު ބަލިކަށިވާ ފަދަ ބޭސްތައް ބޭނުންކުރާ ފަރާތްތައް
  • ދިގު މުއްދަތަކަށް ސްޓިރޮއިޑް ބޭނުންކުރާ ފަރާތްތައް
  • ގަވާއިދުން ޑައަލިސިސް ހަދާ ފަރާތްތައް
  • ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ، ނުވަތަ ފަރުވާ ހޯދުމަށް ފަހު އަހަރެއް ނުވާ ފަރާތްތައް
  • އޮކްސިޖަން ތެރަޕީގެ ފަރުވާ ހޯދަމުންދާ ނުވަތަ ފަރުވާ ހޯދަން ޑޮކްޓަރުން ލަފާ ދީފައިވާ ފަރާތްތައް
  • ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތައް
  • ފުރަމޭގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ ފަރާތްތައް
  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފަވާ ފަރާތްތައް
  • އުމުރުން ދުވަސްވުމުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތި ވެފަވާ ފަރާތްތައް
  • ހިތުގެ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތައް

އިތުރަށް އެޗްޕީއޭއިން ބުނީ ބޫސްޓާ ޑޯޒް ޖަހަންދާއިރު މެޑިކަލް ޑޮކިއުމަންޓް ގެންދަން ޖެހޭނެ ކަމަށެވެ.