ޝޫޖިތް ސިރްކާ ޑައިރެކްޓްކުރާ ފިލްމު "ސަރުދާރު އުދަމް" ރިލީޒް ކުރާނީ އޮކްޓޯބަރު މަހު ކަމަަށް ހާމަ ކޮށްފިއެވެ.

2012 ވަނަ އަހަރު ދެއްކި "ވިކީ ޑޯނާ" އަދި 2015 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމެއް ކަމަށްވާ "ޕީކޫ" ވެސް ޑައިރެކްޓް ކޮށްފައިވާ ޝޫޖިތްގެ މި ފިލްމު ރިލީޒު ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ފިލްމުގެ ޓްރެއިލާ ވެސް ދައްކާލާފައި ވާއިރު ފިލްމު ރިލީޒް ކުރަނީ އެ ގައުމުގައި ފާހަގަކުރާ ދަސޭރާ ފެސްޓިވަލާއި ދިމާކޮށެވެ.

ވިކީ ކޯޝާ ލީޑްރޯލުން ފެނިގެންދާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. ވިކީގެ އިތުރުން ޝޫޖިތުގެ ފިލްމު "އޮކްޓޯބަރު" ގެ ބަތަލާ ބަނީތާ ސަންދޫ އާއި އަމޯލް ޕަރްޝާރް ވެސް މި ފިލްމުން ފެނިގެން ދާނެއެވެ.

މި ފިލްމަކީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ބަތަލު ސަރުދާރު އުދަމް ސިންގްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.