ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ތިންވަނަ ޑޯޒެއް ޖަހަން ފަށަން އުޅޭ ކަމުގެ އިޝާރާތެއް އެޗްޕީއޭ އިން ދީފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ޖެހުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާ ދީފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ކަމާބެހޭ ގޮތުން މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށް ފަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މި ވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަ ވެފައިވާ ފަރާތްތަކަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ، ވެކްސިން އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައި ވަނީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލި ކަށި މީހުންގެ އިތުރުން ހަށިގަނޑުގެ ގުނަވަނެއް ބަދަލު ކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަ ކުރާ ފަދަ ބޭސްތައް ބޭނުން ކުރާ މީހުން ކަމަށެވެ. ހަމައެއާއެކު ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުން ކުރާ މީހުންނާއި (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށް ވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށް ވުރެ އިތުރަށް) ބޭނުން ކުރާ މީހުންނާއި، ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުންނާއި (ކެންސަރު ބަލީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާ ކޮށް ނިމި އަހަރެއް ނުވާ މީހުން) ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40 އިން މަތީގައިވާ މީހުން) ނާއި ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުންނާއި ސީއޯޕީޑީ، ބްރޮންކިއެކްޓަސިސް، ސިސްޓިކް ފައިބްރޯސިސް، އިންޓަސްޓިޝިއަލް ލަންގް ޑިޒީޒް، ފަދަ ފުއްޕާމޭގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާ ދީފައިވާ މީހުންގެ އިތުރުން ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތަަކާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.

މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފައިޒާ ވެކްސިން މާލޭ ސަރަހައްދު އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލުން ހެނދުނު 9:00 އިން މެންދުރު 14:00 އަށް ޖެހޭނެ ކަމަށާއި އަދި ވިލިމާލޭ ހޮސްޕިޓަލުން ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ޖެހެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ނަމަ މި ލިންކަށް ވަދެ ވެކްސިން ސެންޓަރަށް އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.