ކަންފަތަށް އެއްޗެއް ކޮއްޕައިގެން ސާފު ކުރަން އުޅޭ އިރު "ކަންފަތު މަޑު" އެތެރެއަށް ދިއުމަކީ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި މިހެން ވުމުން ކަންފަތް ބައްވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އަދި ކަންފަތުގެ ތޫރި ފަޅައިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންކަމުން ކަންފަތް ސާފު ކުރާއިރު ކަންފަތް ސާފުކުރާ ބުރު ބޭނުން ނުކުރުމަށް ޑަކްޓަރުން އަބަދުވެސް އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް މިއީ ވަރަށް ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ.

ކަންފަތުބުރު ބޭނުންކޮށްގެން ކަންފަތް ސާފުކޮށްގެން އެކި ކަހަލަ ހާދިސާތައް ހިނގަނީކީ މަދެއްކޮށެއް ނޫނެވެ. ރާއްޖޭގައިވެސް ދާދިފަހުން ވަނީ މިފަދަ ހާދިސާއެއް ހިނގައިގެން ކުޑަކުއްޖެއްގެ ކަންފަތުން ކަފަކޮޅުތަކެއް ނަގާފައެވެ.

އެހާދިސާގައި ކުޑަކުއްޖާގެ ކަންފަތުން ކަފަކޮޅުތައް ނެންގެވި ކަރުންމަތީގެ ހާއްސަ ޑޮކްޓަރު އެ ހާދިސާގެ އިތުރު ތަފްސީލެއް ހާމަ ކުރައްވާފައި ނުވި ނަމަވެސް އަދި އެ ކުއްޖާގެ ހާލަތު ބަޔާންކޮށްދެއްވައި ނުވި ނަމަވެސް ޑރ. މައުރޫފު ހުސެއިން ވިދާޅުވީ ކަފަބުރު ކަންފަތަށް ލުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އިންފެކްޝަން އުފެދުމާއި ކަންފަތަށް އަނިޔާވުމުގެ އިތުރުން ކަންފަތު ބުރު ނުވަތަ ބަޑް ގެ ކަފަކޮޅު ނެއްޓި ކަންފަތުގެ އެތެރޭގައި ހަރުލާފައި ހުންނަނީ މަދުން ނޫން ކަމަށެވެ.

އެ ކުޑަކުއްޖާގެ ކަންފަތުން ނެގި ކަފަކޮޅުތަކާއެކު މައުރޫފު ޓްވީޓް ކުރެއްވުމުން އާންމުން ވަނީ ކަންފަތް ސާފު ކުރަން ބޭނުން ކުރަންވީ ކޮން އެއްޗެއްތޯއާއި ކަންފަތް ކަހައިގަތުމުން ހަދާނީ ކިހިނެއްތޯ އަހާ އޭނާއާ ސުވާލު ކޮށްފައެވެ.

އެސުވާލުތަކަށް ޑރ. މައުރޫފު އަދި ޖަވާބު ދެއްވާފައެއް ނުވެއެވެ.

ކަންފަތުން ކަފަކޮޅުތަކެއް ނަގާފައި ވާއިރު މިދިޔަ އޮގަސްޓުމަހު އައިޖީއެމްއެޗް އިން މީހެއްގެ ކަންފަތުން ވަނީ ކުރަތްޕެއް ވެސް ނަގާފައެވެ.

އޭގެ އިތުރުން ޕިން ދިރިގެން ޕިން ނަގަން ކުރަން ޖެހޭ އޮޕަރޭޝަންތައް މީގެ ކުރިން އެތައް ފަހަރަކު ރާއްޖޭގެ ހޮސްޕިޓަލްތަކުން ވަނީ ކޮށްފައެވެ. އަދި ބައެއް ފަހަރު ކުޅޭ ތަކެތި ދިރިގެން، ވެސް އެ ތަކެތި ނެގުމަށް އޮޕަރޭޝަން ވަނީ ކޮށްފައެވެ.

އެފަދަ ހާދިސާތައް ގިނަވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ ބުރުގާ ޕިން އަނަގަޔަށް ލައިގެން ޕިން ޖެހުމާއި ކުޅޭ އެއްޗެހި އަނގަޔަށް ލައިގެން ދުވުން ފަދަ ކަންކަން ކުރުން ކަމަށް މީގެ ކުރިން ޑޮކްޓަރުން ވަނީ ބުނެފައެވެ.

ޑޮކްޓަރުން އަބަދުވެސް އަންނަނީ މިފަދަ އެއްޗެހި ގެންގުޅޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންނެވެ.

ކަންފަތުގައި ހުންނަ މަޑަކީ ކަންފަތަށް ވަންނަ ބެކްޓީރިއާ އާއި ހިރަފުހުން ކަންފަތް ސަލާމަތް ކުރުމަށް ގުދުރަތީ ގޮތުން އުފެދޭ އެއްޗެކެވެ. އެފަދަ މަޑަކީ އޭގެ ޒާތުގައި އުފެދި އޭގެ ޒާތުގައި ފަނާވެ ދާ އެއްޗެކެވެ. އެހެންނަމަވެސް ކަންފަތުގައި މަޑު ހުރެގެން އުނދަގޫ ވާނަމަ ކަންފަތަށް އޭތި މީތި "ނުކޮއްޕާ" ކަންފަތާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ހަޑިތައް ސާފު ކޮށްލާށެވެ.