ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް، ރެކޯޑް އަދަދުތަކުން އިތުރު ވުމާ ގުޅިގެން، އަވަށްޓެރި ސްރީލަންކާގައި އިއުލާން ކުރި ކަރަންޓީނު ކާފިއުގެ ލޮކްޑައުން އަމުރު އުވާލުމަށް، އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އަންގަވައިފިއެވެ.

ސްރީލަންކާގެ ނޭޝަނަލް އޮޕަރޭޝާންސް ސެންޓާ ފޮ ޕްރިވެންޝަން އޮފް ކޮވިޑް-19 އައުޓްބްރޭކްގެ އިސްވެރިޔާ އަދި އަސްކަރީ ކޮމާންޑަރު، ޖެނެރަލް ޝަވޭންދްރާ ސިލްވާ ވިދާޅުވީ، އޮކްޓޯބަރު 1 ވަނަ ދުވަހުގެ ފަތިހު 04:00 އިން ފަށައިގެން ކަރަންޓީނު ކާފިއު އުވާލުމަށް، ރައީސް ގޮތަބާޔާ އިރުޝާދު ދެއްވާފައި ވާ ކަމަށެވެ.

ކަރަންޓީނު ކާފިއުގެ ލޮކްޑައުން އުވާލި ކަމުގައި ވީ ނަމަވެސް، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ކަން ސްރީލަންކާއިން މީގެ ކުރިން ވަނީ ހާމަ ކޮށްފައެވެ. މިކަމާ ބެހޭ އިތުރު ތަފްސީލުތައް، ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް، ހާމަ ކުރައްވާނެ ކަމަށް ލަންކާ މީޑިއާއިން ބުނެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު، ސްރީލަންކާއިން ކަރަންޓީނު ކާފިއުގެ ލޮކްޑައުން އަމުރު ތަންފީޒު ކުރަން ފެށީ އޯގަސްޓް 20 ވަނަ ދުވަހުގެ ރޭ، 10:00 ގައެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އަމުރު ދަންމާލާފައި ވެއެވެ. އަދި ހިސާބަކަށް ލުއިތަކެއްވެސް ދިން މަންޒަރު ވަނީ ފެނިފައެވެ.

ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވާ ފަރާތަކުން ސްރީލަންކާއަށް ދަތުރު ފަށާއިރު ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ އޮވެއްޖެނަމަ، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ޓެސްޓު ތަކުރާރު ކުރަން ނުޖެހޭ ގޮތަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރައިން ވަނީ ހަމަޖައްސާފައެވެ.