އަވައްޓެރި އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރު ކުރަން ބޭނުންވާ މީހުން، ވިސާ ހޯދަން 15، 20، 30 ދުވަހު ކިއުގައި އިންތިޒާރުގައި ތިބެން ޖެހޭ މައްސަލަ ބޮޑު ވެއްޖެއެވެ.

އިންޑިއާ އަށް ބޭސްފަރުވާއަށް ދަތުރު ކުރުމުގައި ދިވެހިންނަށް ވިސާ ލިބުމަކީ ދަތި އުނދަގޫ ކަމެއްގެ ގޮތުގައި އޮއްވާ މި ސަރުކާރުން ވަނީ 2019 ވަނަ އަހަރު އިންޑިއާ އެކު އެއްބަސްވުމެއް ވެ ވިސާ ލިބުން ފަސޭހަ ކޮށްފައެވެ. ނަމަވެސް އެއް އަހަަރަށް ފަހު އަނެއްކާ ވެސް އިންޑިއާ އަށް ދަތުރު ކުރާ މީހުން މި ވަނީ ވިސާ ހޯދަން ސަލާން ޖަހަން ޖެހިފައެވެ.

އިންޑިއާއަށް ދިއުމަށް ވިސާ ހޯދުމަށް އެތައް ބަޔަކު ހައިކޮމިޝަނުން އެޕޮއިންޓްމަންޓް ހައްދާ، ހައިކޮމިޝަން ދޮށުގައި "ސަލާން ޖަހަން" އެތައް ގަޑި އިރަކު ތިބޭ އިރު، މިހާރުވެސް ވިސާ ނުލިބި ވެއިޓިންގައި އެތައް ސަތޭކަ ބަޔަކު އެބަ ތިއްބެވެ.

ވިސާއަށް އެދުނު މީހަކު އޭނާގެ ޝަކުވާ ހިއްސާ ކުރަމުން ބުނީ ފުރަތަމަ އަށެއްކަ ދުވަސް ދިނީމައި ފަސެޙަ ވާނެކަމަށް ބަލައިގެން ހުރި ނަމަވެސް އެކަން ވީ އެހެން ނޫން ކަމަށެވެ.

"އެންމެ ފުރަތަމަ ދިނީ 8 ދުވަސް ފަހުން ޖެހޭކަމަށް ނަންބަރު، ދެން ދުވަސް ކައިރިކޮށްލާފައި ބަލާލީމައި ބުނީ މިހާރު އޮތީ ދެދުވަސް ފަސްވެފައި ކަމަށް. ދެން އެ މުއްދަތު ކައިރިވީމައި ބެލި އިރު އަނެއްކާ އޮތީ ފަހަތަށް ޖައްސާފައި. ކީއްވެތޯ އެހީމައި ޖަވާބެއް ނުދޭ"
ވިސާއަށް ހުށަހަޅާފައި ވާ މީހެއް

އޭނާ އިތުރަށް ބުނީ، މިހާރު އޭނާގެ އަންހެނުންގެ ބަލި ބޮޑުވެ ހިރިލާ އުޅެންވެސް އުނދަގޫ ކަމަށާއި ވިސާ އަވަސް ވޭތޯ، މަޖިލީސް މެންބަރަކު މެދުވެރިކޮށްވެސް މިހާރު މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އޭނާ ވަނީ އިންޑިއާގެ ބެންގަލޫރަށް ދާން ވެގެން އޭނާގެ ދޮށީ އަންހެން ދަރިފުޅު ވިސާއަށް ލީމައި ކުރަން ޖެހުނު ތަޖުރިބާވެސް ކިޔައިދީފައެވެ.

"އެތާ ނުހުރޭ، މޫނުބުރުގާ އަޅާފައި ތިބޭ މީހުންގެ މޫނު ބަލަން ވަކިތަނެއްވެސް، ދާން މިޖެހެނީ ސީދާ ވިސާއަށް އެދޭ މީހާ، އެ ދާމީހަކީ މޫނުބުރުގާ އެޅި މީހެއް ކަމަށް ވަންޏާ އެންމެންގެ ތެރޭގައި މޫނެއް ނުދެއްކޭނެ ދޯ، ދެން މިހަދާގޮތަކީ ކިޔުގައި ބާކީ ތިބޭ މީހުން ބޭރަށް ލަނީ، އެވަރުވެސް ނެތް އެތާކު" އޭނާ ބުންޏެވެ.

ވިސާ ހޯދުމަށް އެޕޮއިންޓްމަންޓް ހައްދާ އިރު ހައިކޮމިޝަނުން ހަފްތާއަކާއި ދެހަފްތާގެ މުއްދަތެއް ދެއެވެ. އެއަށް ފަހު ހައިކޮމިޝަނަށް ގުޅާ އެޕޮއިންޓްމަންޓް ޗެކް ކުރާ އިރު އަނެއްކާވެސް އޮންނަނީ އެޕޮއިންޓްމަންޓު ދިން ތާރީހު ދެތިން ދުވަސް ފަހަތަށް ގޮސްފައެވެ. މިހެން ގޮސް މަސް ދުވަސް ވާއިރު ވެސް ވިސާ ހަމަނުޖެހިގެން ބޮޑެތި ކަންކަމުގައި ބޭސް ފަރުވާއަށް ވެސް ނުފުރި ތިބި ބައެއް މީހުން އެވާހަކަ ވަނީ "ދަ ޕްރެސް" އާ ހިއްސާކޮށްފައެވެ.

މި ކަމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ބުނީ، މި ސަރުކާރުން އިންޑިއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާޗް، 2019 އިން ފެށިގެން މާޗް، 2020 އާ ހަމައަށް އެއްވެސް ދައްޗަކާ ނުލައި ވިސާ ދޫކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް ކޮވިޑްގެ މި ހާލަތާ އެކު މާޗް 2020 ގެ ފަހުން ވިސާ އެއްބަސްވުން ވަނީ ބާތިލް ކޮށްފައި ކަމަށް އެ އެމްބަސީން ބުނެއެވެ. މި ހާލަތުގައި ވެސް ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި 12000 ފަރާތަކަށް އެމަޖެންސީ މެޑިކަލް ވިސާ ދޫކޮށްފައި ވާނެ ކަމަށް އެ އެމްބަސީން ބުނެއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެ އެމްބަސީން ވިސާ ދޫކުރުމުގެ އެއްބަސްވުން ބާތިލް ކޮށްފައިވާ އިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގިނަކުރުމުގެ ނަމުގައި އިންޑިއާއިން ސުމާރެއް ނެތި މީހުން ގެންނާތީ އެކަމާ ވެސް އެތައް ދިވެހިންނެއް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރަށްރަށަށް ކޮވިޑްގެ މި ހާލަތުގައި ގެސްޓުން އަރާ ފުރާލި އިރު ގިނައީ އިންޑިއާ ފަތުރުވެރިންނެވެ، އަދި ވެލާނާ އެއާޕޯޓު ދަތުރުވެރިންގެ ސަބަބުން ތޮއްޖެހިފައި ވާއިރު އޭގެ ތެރޭގައި 14 ދުވަހުގެ ކަރަންޓީނެއް ވެ މެދުއިރުމައްޗަށް ފުރައިގެން ދާން އަންނަ މީހުންވެސް މަދެއް ނޫނެވެ.

ދިވެހިންގެ އަނެއް ޝަކުވާއަކީ، އިންޑިއާ މީހުންނަށް ފަސެހަކަމާއެކު ރާއްޖެއަށް އާދެވޭ މަގު ކޮށައިދީފައިވާ އިރު ދިވެހިން އިންޑިއާއަށް ދާން ވިސާ ހޯދަން ސަލާން ޖަހަން ޖެހުމެވެ. މި ސަރުކާރާއި އިންޑީއާއާއެކު އޮތް ގާތް ގުުމުގެ ތެރެއިން ދިވެހިންނަށް ލިބިގެން ދިޔަ ލުއިތައް ބަންދު ވުމަކީ މިއަދު ދިވެހިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ.