ބޮލީވުޑްގެ މަޝްހޫރު ތަރި މަދޫރީ ޑިކްސިޓްގެ "ފައިންޑިން އަނާމިކާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.

ކަރަން ޖޯހަރާއި އަޕްރޫވާ މެހެތާގެ ދަރްމެޓިކް އެންޓަޓެއިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ މި ސިރީޒަކީ މަދޫރީގެ ފުރަތަމަ ވެބް ސީރީޒެވެ. މި ސީރީޒްގެ ޓީޒާ ދައްކާލާފައި ވާއިރު ސްޓްރީމް ކުރަން ފަށާނެ ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މި ސީރީޒްގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ނިޝާ މެހެތާގެ އިތުރުން ސްރީ ރާއޯއެވެ. މި ސީރީޒުން ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރިއަކު ކުއްލި ގޮތަކަށް ގެއްލުމާ ގުޅިގެން އޭނާ ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ކަންތައްތަކެވެ.

މަދޫރީގެ އިތުރުން "ފައިންޑިން އަނާމިކާ"އިން ސަންޖޭ ކަޕޫރް، މާނަވް ކޯލް، ލަކްޝްވީރް ސަރަން، ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ފެނިގެންދާނެއެވެ.

މި ސީރީޒަކީ ދަރްމެޓިކް އެންޓަޓެއިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނަސްދޭ ސީރީޒަކަށް ވާއިރު ދާދި ފަހުން ދެ އަހަރަށް ފަހު ދަރްމެޓިކް އެންޓަޓެއިންމަންޓާއި ނެޓްފްލިކްސްގެ އެއްބަސްވުން ނިމުމަކަށް ވަނީ އައިސްފައެވެ.