ބޮކްސިންގްގެ ދުނިޔޭގެ އުދަރެހުގެ އެންމެ އުހުގައި ފިޔަޖަހާ މޭނީ ޕަކިއާއޯ، ރިޓާޔަމަންޓް އިއުލާންކޮށް، ރައީސް ކަމާ ދިމާއަށް މިސްރާބު ޖަހާފައި ވާ ކަން ހާމަ ކޮށްފިއެވެ.

"ދުނިޔޭގެ އެންމެ ވަރުގަދަ ކުޅިވަރު"ގެ ގޮތުގައި އޭނާ ސިފަކުރާ ބޮކްސިންގްގެ މައިދާން ދޫކޮށް، ފިލިޕީންސްގެ ރައީސް ކަމާ ދިމާއަށް ދަތުރު ކުރުމަށް އޭނާގެ ހުރިހާ ވަގުތެއް، މޭނީ ޕަކިއާއޯ ހުސްކޮށްލާފައި ވާ އިރު، މިއީ އޭނާގެ ހަޔާތުގައިވެސް ކުރިމަތިލާން ޖެހޭނެ އެންމެ "ވަރުގަދަ ތަޅާލުންގަނޑު"ގެ ގޮތުގައި އަންނަނީ ސިފަކުރަމުންނެވެ.

ކުޅިވަރުގެ މައިދާނުގައި "ޕެކްމޭން"ގެ ގޮތުގައި މުހާތަބު ކުރާ މޭނީ ޕަކިއާއޯ ވަނީ، އޭނާގެ 26 އަހަރުވީ ބޮކްސިންގް ކެރިއަރުގެ ފަރުދާ ދަމާލަމުން، ފޭނުންނަށް ޝުކުރު އާދަ ކޮށްފައެވެ. ބޮކްސިންގްގެ ކެރިއަރުގައި މޭނީ ޕަކިއާއޯ ހޯދާފައި ވާ ކާމިޔާބީތަކަކީ، އަދި މިހާތަނަށް، ދެވަނަ އެހެން މީހަކަށް ހޯދިފައި ވާ ކާމިޔާބީތަކެއް ނޫނެވެ.

އިންތިހާ ފަގީރުކަމުގެ ތެރޭގައި އުޅެ ބޮޑުވަމުން އައި މޭނީ ޕަކިއާއޯ މަގުމަތީގައި ބޮކްސިންގް މެޗުތައް ކުޅެމުން އައީ އެންމެ 2 ޑޮލަރުގެ އިނާމަކަށެވެ. ނަމަވެސް މިހާރު އޭނާގެ މިލްކިއްޔާތުގެ އަގު، 63 މިލިއަން ޑޮލަރަށް އަރާ ކަމަށް ފިލިޕީންސްގެ އެސެޓް ރެކޯޑްތަކުން ދައްކައެވެ.

2010 ވަނަ އަހަރުން ފަށައިގެން މޭނީ ޕަކިއާއޯ އަންނަނީ ސިޔާސީ މައިދާނަށްވެސް ވަގުތުތަކެއް ހުސް ކުރަމުންނެވެ. އުމުރުން 42 އަހަރުގެ މޭނީ ޕަކިއާއޯއަކީ މިހާރު ފިލިޕީންސްގެ ސެނެޓަރެއްވެސް މެއެވެ.

ސިޔާސީ މުރާސިލެއް ކަމަށް ވާ ރިޗާޑް ހޭޑަރިއަން ވިދާޅުވާ ގޮތުގައި، ބޮކްސިންގްގެ މައިދާނުން މޭނީ ޕަކިއާއޯ ރިޓާޔާ ކުރުމަކީ، ފިލިޕީންސްގެ ވެރިކަން، އިދިކޮޅު ފަރާތްތަކަށް 100 ޕަސެންޓް ކާމިޔާބު ކޮށްދޭނެ ކަމެކެވެ.

ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ބަލާއިރު، މޭނީ ޕަކިއާއޯ މިހާރު ވަނީ 4 ވަނަ މަގާމަށް، ކުރިއަށް ޖެހިލާފައެވެ. ސާވޭގައި ބައިވެރިވި 2400 އެއްހާ މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން މިހާރު ވަނީ މޭނީ ޕަކިއާއޯއަށް ތާއީދު ކުރާ ކަން ހާމަކޮށްފައެވެ. ކުރިން މި އަދަދު އޮތީ 8 ޕަސެންޓްގައެވެ.