ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރިން ކަމުގައި ވާ އަކްޝޭ ކުމާރް އަދި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ "ސޫރިޔަވަންޝީ" އެންމެ ފަހުން ސިނަމާތަކަށް ގެންނާނެ ތާރީހު ކަނޑައަޅައިފިއެވެ.

މި ފިލްމާ ގުޅިގެން ރޯހިތު ބުނެފައި ވަނީ ކުރިއަށް އޮތް އިންޑިއާގެ ދިވާލީގައި ފިލްމު ސިނަމާތަކުގައި އެޅުވާނެ ކަމަށެވެ. އިންޑިއާގެ އެންމެ ބޮޑު އެއް ސްޓޭޓް، މަހާރަޝްތުރާގެ ހުރިހާ ސިނަމާތަކެއް އަންނަ މަހުގެ 22 ގައި ހުޅުވަން ނިންމުމާއެކު މި ފިލްމު ނޮވެމްބަރު މަހު އިންޑިއާގައި ފާހަގަކުރާ ދިވާލީގައި އަޅުވަން ވަނީ ނިންމާފައެވެ. އިންޑިއާ ފުލުހުންގެ ތެރޭގައި އުޅޭ އާދަޔާހިލާފު ކުޅަދާނެ މީހެއްގެ ރޯރު ދައްކުވައިދޭ މި ފިލްމުގެ ޓްރެއިލާ އެންމެ ފުރަތަމަ ދައްކާލާފައި ވަނީ ފާއިތުވި އަހަރުގެ މާޗު މަހުގައެވެ.

އެންމެ ފުރަތަމަ 2020 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ހަމަޖެހުނު މި ފިލްމު ދެއްކުން ލަސްވެގެން ގޮސްފައިވަނީ ކޮވިޑް-19ގެ ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވެ ސިނަމާތައް ބަންދު ކުރުމުންނެވެ.

ފިލްމުގައި ޕޮލިސް އޮފިސަރެއްގެ ގޮތުގައި އަކްޝޭ ފެނިގެންދާއިރު ކެޓްރީނާ ފެނިގެންދަނީ އަކްޝޭގެ ލޯބިވެރިޔާގެ ރޯލުންނެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާ ގުޅިގެން އުފެއްދި މި ފިލްމު ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ "ކޮޕް ޔުނިވާސް" އަށް އިތުރުވެގެން ދާއިރު މީގެ ކުރިން ރޯހިތު ޑައިރެކްޓް ކޮށްފައިވާ މި ސީކްއަލްގެ ބައެއް ފިލްމު ތަކުގެ ތެރޭގައި "ސިންގަމް" ގެ އިތުރުން "ސިމްބާ" ހިމެނެއެވެ.