މަޝްހޫރު އިނގިރޭސި ލަވަކިއުންތެރިޔާ، މިއުޒީޝަން އަދި ޅެންވެރިޔާ ޖޯން ލެނަންއާއި އަންހެނުން ޔޯކޯ އޯނޯގެ، މިހާތަނަށް ރިލީޒް ކޮށްފައި ނުވާ ލަވައެއްގެ އޯޑިއޯ ރެކޯޑިންގް، ޑެންމާކުގެ ކޯޕަންހޭގަންގައި މިއަދު ނީލަން ކިއަން ނިންމައިފިއެވެ.

33 މިނެޓަށް ދެމިގެންދާ މި އޯޑިއޯ ޓްރެކަކީ މީގެ މައި ގަރުނު ކުރިން، "ދަ ބީޓްލްސް" ބޭންޑް ރޫޅާލާ ހަބަރު އިއުލާން ކުރުމުގެ ކުރިން، ޑެންމާކުގެ، ފުރާވަރު އުމުރުގެ 4 ކުއްޖަކު ތައްޔާރު ކުރި އޯޑިއޯއެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި އޯޑިއޯ ޓްރެކްގައި، ޖޯން ލެނަންއާއި ޔޯކޯ އޯނޯގެ އިންޓަވިއުއެއްވެސް ހަމަނާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބެލެވޭ ގޮތުގައި މި އޯޑިއޯ ކެސެޓަށް، 32000 ޑޮލަރާއި 50000 ޑޮލަރާ ދެމެދުގެ އަގެއް ލިބޭނެއެވެ. އަދި މި އޯޑިއޯ ކެސެޓް ގަންނާނީ ދާރުލް އާސާރެއް ނުވަތަ، އިހު ޒަމާނުގެ ތަކެތި އެއްކުރާ މީހެއް ކަމަށްވެސް ގަބޫލު ކުރެވެއެވެ.

ނީލަން ކިއާ އޯޑިއޯ ޓްރެކް ތައްޔާރު ކުރުމުގައި ހަރަކާތްތެރިވި ކާސްޓެން ހޮއެއެން ބުނި ގޮތުގައި އެއީ ޖެނުއަރީ 1970 ގެ ދުވަހުން ދުވަހެކެވެ. ސްކޫލްގައި ތައުލީމު ހާސިލު ކުރަމުން ދިޔަ ދުވަސްވަރު، އެ ޝަހްސިއްޔަތާ ބައްދަލު ކުރީ، ސްކޫލް ނޫހަށް އިންޓަވިއުއެއް ހޯދުމަށެވެ.

ދުވަސްވަރަކީ ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު ކަމުން، ޖޯން ލެނަންއާއި އޭނާގެ އަންހެނުން އޭރު އެންމެ ގަދައަށް ވަކާލާތު ކުރަމުން ދިޔައީ ސުލްހައަށެވެ. އަދި ސްކޫލް ކުދިންތަކަށް ދިން އިންޓަވިއުގައި، "ރޭޑިއޯ ޕީސް"ގެ ނަމުގައި ކުރު ލަވައެއް ކުޅެދިނެވެ. އެއީ ރޭޑިއޯ ސްޓޭޝަންގެ ތީމް ލަވައެއްގެ ގޮތުގައި ތައްޔާރު ކުރި ލަވައެކެވެ. ނަމަވެސް އެ ރޭޑިއޯ ސްޓޭޝަން ނުހުޅުވުނުތާ، އެ ލައިވައިގެ ރެކޯޑިންގްވެސް ރިލީޒްއެއް ނުކުރެއެވެ. އެހެން ކަމުން، މި އޯޑިއޯ އޮތް ހަމައެކަނި ތަނަކީ، އެ ކެސެޓް ކަމަށް ހޮއެއެން ގަބޫލު ކުރެއެވެ.