ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއެކު، އޮކްޓޯބަރު 1 ވަނަ ދުވަހު ގައުމު ހުޅުވާލަން ތައްޔާރު ކަމަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު، ޑރ ކެހޭލިއާ ރަމްބުކްވެއްލާ ވިދާޅުވެއްޖެއެވެ.

ނަވަލަޕިޓިޔާ ޑިސްޓްރިކްޓްގެ ޖެނެރަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަދައްކަވަމުން ރަމްބުކްވެއްލާ ވިދާޅުވީ، އޮކްޓޯބަރު 1 ގައި ގައުމު ހުޅުވާލަން ތައްޔާރު ކަމުގައި ވީ ނަމަވެސް، އެކަމާ މެދު އެންމެ ފަހުގެ ނިންމުމެއް ނިންމާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވާން ފެށުމާ ގުޅިގެން ކަރަންޓީން ކާފިއު އިއުލާންކޮށް، ލޮކްޑައުންގެ ހަރުކަށި އަމުރެއް ދަންމާލާފައި ވާ ސްރީލަންކާ، އަލުން ހުޅުވާލާއިރު، ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ބޭނުން ވާނެ ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ރަމްބުކްވެއްލާ ވަނީ، ސްރީލަންކާއަކީ އުމުރުން 30 އަހަރުން މަތީގެ އާބާދީއަށް، ކޮވިޑްގެ 2 ޑޯޒް ޖަހާދިނުމުގެ މަސައްކަތް، އެންމެ ކާމިޔާބު ކުރިއިރު 10 ގައުމުގެ ތެރޭގައި، ދުނިޔޭގެ ނިސްބަތުންވެސް ހިމެނޭ ގައުމެއް ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސިއްހަތާ ބެހޭ ވުޒާރާއިން މަސައްކަތްތަކެއް ކުރަމުން ދާއިރު، ރައްޔިތުންގެ މައްޗަށްވެސް ޒިންމާތަކަކާއި ވާޖިބުތަކެއް ވާ ކަމަށް ރަމްބުކްވެއްލާ ވިދާޅުވިއެވެ. އަދި އެ ގައުމުގައި މިހާރުވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި، ކާމިޔާބީތަކެއް ލިބިފައި ވާ ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ސްރީލަންކާގެ މަސްރަހުން ލިބިފައި ވާ ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެ ގައުމުން ރިޕޯޓް ކޮށްފައި ވަނީ 9118 ކޭހެވެ. އޭގެ ކުރީ ހަފުތާގައި 18569 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. ކޭސް ނަމްބަރަށް ބަލާއިރު، މިއީ މައިނަސް 51 ޕަސެންޓްގެ ބަދަލެކެވެ. މަރުގެ ކޭސްތަކަށް ބަލާއިރު، ފާއިތުވީ 7 ދުވަހުގެ ތެރޭގައި 555 ކޭސް ރެކޯޑް ކޮށްފައިވާއިރު، އޭގެ ކުރީ 7 ދުވަހުގެ ތެރޭގައި ރިޕޯޓް ކުރީ 829 ކޭހެވެ. މަރުގެ ކޭސް ނަމްބަރަށް ބަލާއިރު، މިއީ މައިނަސް 33 ޕަސެންޓްގެ ބަދަލެކެވެ.