ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައި ވާ ތޫފާން ގުލާބު، މިއަދު ހަވީރުގެ ވަގުތެއްގައި، އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އަރާނެ ކަމުގެ އިންޒާރު ދީފިއެވެ.

ތޫފާން އުފެދި، އެރުމަކީ މަދުން ނޫނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޑިއާއަށް ކުރިމަތިލާން ޖެހޭ ކަމަކަށް ނުވާއިރު، މިއަދު ހަވީރު ނުވަތަ މިރޭގެ ވަގުތެއްގައި ތޫފާން ގުލާބު އަރާނެ ކަމަށް ލަފާ ކުރެވެނީ، އުތުރު އަންދްރާއާއި ދެކުނު އޮރިއްސާގެ ގޮނޑުދޮށުގެ ސަރަހައްދުތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ، ތޫފާން ގުލާބުގައި، ގަޑިއަކު 95 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުން އެކަށީގެން ވާ ކަމުގެ އިންޒާރު ދީފައެވެ.

ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދުނު ވަރުގަދަ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

އައިއެމްޑީއިން ވަނީ، އޮރިއްސާގެ އެކި ސަރަހައްދުތަކާއި އަންދްރާޕްރަދޭޝްގެ ސަރަހައްދުތަކަށް މޫސުމީ "ރަތް އިންޒާރު" އިއުލާން ކޮށްފައެވެ. ގަދަ ވިއްސާރައާ ގުޅިގެން ފެންބޮޑުވުމުގެ ހާދިސާތަކާއި އެނޫންވެސް ގެއްލުންދެނިވި ހާދިސާތައް ހިނގުން އެކަށީގެންވާ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މުއާސަލާތީ އަދި ކަރަންޓުގެ ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެން ވާ ކަމަށާ، ދަނޑުބިންތަކަށްވެސް ނޭދެވޭ އަސަރު ފޯރުން އެކަށީގެން ވާ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މި ތޫފާނަށް ގުލާބުގެ ނަމުން ނަން ދިނީ ޕާކިސްތާނުންނެވެ. ގުލާބުގެ މާނައަކީ މަލެވެ. ވަކިން ހާއްސަކޮށް، ފިނިފެންމަލެވެ. ތޫފާންތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު، އެކި ގައުމުތަކަށް އޮންނައިރު، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ، ބޭ އޮފް ބެންގޯލް-އަރަބި ކަނޑުގެ ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ދޭނެ ނަން ފާސްކޮށް، ކަނޑައަޅަނީ، އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) އިންނެވެ. ތޫފާންތަކަށް ނަން ދީ ފައި އޮންނަ ގޮތުގެ ލިސްޓު ބަލަހައްޓަނީ، ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއުއެމްއޯ) އިންނެވެ.

ތޫފާންތަކަށް ނަން ދިނުމުގައި ވީހާވެސް ކުރު، އަދި ކިޔާލަން ފަސޭހަ ނަންތައް ހިޔާރު ކުރެއެވެ. އަދި ވަކި ބައެއްގެ ޖަޒުބާތަށް އުނިކަން ނާންނަ ފަދަ ނަންތަކަކަށް ވާންވެސް ޖެހެއެވެ.