ސައުދީ އަރަބިއްޔާގައި ސަލާން ޖަހާ މީހުން އެއް ލައްކަ ސައުދީ ރިޔާލުން ޖޫރިމަނާ ކުރުމާއެކު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

މިގާނޫނުގައި ބުނީ އެ ގައުމުގެ އެއްވެސް ސަރަހައްދެއްގައި ސަލާން ޖެހުމާއި އެކަން ކުރުމަށް އެހީތެރިވުމާއި ބަޔަކު ލައްވައި ސަލާން ޖެހުވުން ނުވަތަ ވިޔަފާރީގެ އުސޫލުން އެކަން ކުރި މީހުންނަށް މި އަދަބު ދެވޭނެ ކަމަށެވެ.

މީގެ އިތުރުން ސަލާން ޖެހުމަށް އެހީވުމާއެކު އެކަމަށް ހިތްވަރު ދޭ މީހުން ހަ މަސް ދުވަހަށް ޖަލަށް ލުމާއެކު 50,000 ސައުދީ ރިޔާލުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާން ކުރެއެވެ.

މި ގާނޫނުން ސަލާން ޖެހުމުގެ ކުށުގައި މީހުން ހިފައި ހައްޔަރު ކުރުމުގެ ބާރު އެގައުމުގެ ދާހިލީ ވުޒާރާއަށް ދީފައި ވާއިރު ގާނޫނު ބުނާ ގޮތުން، މި ގާނޫނުގައި ބުނާ އަދަބު ދެވޭނީ ސަލާން ޖަހަނިކޮށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހައްޔަރު ކުރެވޭ މީހުންނަށެވެ.

ގާނޫނުގައި ފާހަގަ ކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި އެ ގައުމަށް ނިސްބަތް ނުވާ މީހަކު ސައުދީގައި ސަލާން ޖަހައިފިނަމަ އެމީހެއްގެ ޖަލު ހުކުމް ތަންފީޒުކޮށް ޖޫރިމަނާ ދެއްކުމުން ޑީޕޯޓު ކޮށްލެވޭނެއެވެ. ނަމަވެސް، ސައުދީ މީހެއްގެ ދަރިއަކަށް ނުވަތަ ފިރިއަކަށް ވާނަމަ އެއް ލައްކަ ސައުދީ ރިޔާލުން ޖޫރިމަނާ ކުރުމާއެކު އެއް އަހަރު ދުވަހަށް ޖަލަށް ލީ ނަމަވެސް ޑީޕޯޓެއް ނުކުރާނެއެވެ.

މި ގާނޫނު ފާސްކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގައި ސަލާން ޖެހުމުގެ ކަންތައް އިތުރުވަމުން ދިއުމަށް ހުއްޓުމެއް ގެނައުމުގެ ގޮތުންނެވެ.