މާލޭ ސިޓީއަކީ ކުޅިވަރުތަކަށް މަރުހަބާ ކިޔާ، ސިޓީއަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު އެހެން ވިދާޅުވީ ޖެޓް ސްކީގައި ރާއްޖެ ވަށާ ބުރެއްޖެހުމަށް ފެށި ދަތުރުގެ ބައިވެރިންނަށް މާލޭ ސިޓީގެ ފަރާތުން މަރުހަބާ ދެންނެވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ ހާއްސަގޮތެއްގައި މޫދު ކުޅިވަރު ވެސް ހިމެނޭގޮތަށް ކުޅިވަރަށް މަރުހަބާ ކިޔާތަނަކަށް މާލޭ ސިޓީ ހެއްދެވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި މިހާރު ކަމާބެހޭ އެސޯސިއޭޝަން ތަކާ އަދި ސަރުކާރުގެ މުވައްސަސާތަކާއެކު ވާހަކަދައްކާ މަޝްވަރާކުރައްވާފަވާނޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އެ މަޝްވަރާތަކުގައި ވެސް މޫދުކުޅިވަރުތައް ހިމެނޭކަމަށް ވިދާޅުވިއެވެ.

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭން ހެދުމުގައި މިބަލަނީ މިފަދަ ކަންކަމަށް ވީހާވެސް ބޮޑަށް ފުރުސަތު ހޯދާ ދިނުމަށް. އެގޮތަށް ކައުންސިލްގެ ވިސްނުންހުރީ. އެގޮތުން މާލޭ ސިޓީގެ މާލެ ވިލިމާލެ އަދި ހުޅުމާލެވެސް މީގެ ތެރޭގައި ހިމެނޭނެ
މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ވީހާވެސް ބޮޑު ފުރުސަތެއް މޫދު ކުޅިވަރުތަކަށް ވެސް އަދި އެހެން ކުޅިވަރުތަކަށް ވެސް ދެވޭގޮތަށް ކަންކަން ފަހިކޮއްދިނުން ކަމަށެވެ.