ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޓީޕީ)ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9.00 ގައެވެ. މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ދިއުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގެ ކަންކަމާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

މި އިންތިހާބުގައި 455 މަގާމުތަކަށް 735 މެމްބަރުން ކުރިމަތިލާފައިވެއެވެ.

މި އިންތިހާބުގައި މެމްބަރުން އިންތިހާބު ކުރާނީ ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީންނެވެ.

މި އިންތިހާބުގައި 300 އެއްހާ ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

މި އިންތިހާބުގައި 93000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެމްޑީޕީން ބުނެއެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން މިއަދު އިންތިހާބު ކުރިއަށް ނުދާނީ ތ.ގުރައިދޫ ދާއިރާގައެވެ. އެ ދާއިރާގައި ވޯޓުލުން އޮންނާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް އެމްޑީޕީއިން ބުނެއެވެ.