ކޮވިޑް ކޭސްއާ ގުޅިގެން މޮނިޓަރިން އަށް ލީ ރ.ދުވާފަރު 120 ދުވަސް ފަހުން މިއަދު މޮނިޓަރިން ހާލަތުން ނަގައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ދުވާފަރުގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން މިއަދު ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 273 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައި ކަމަށް ދުވާފަރު ހެލްތް ސެންޓަރުން ބުނެއެވެ.

ދުވާފަރު ހެލްތް ސެންޓަރުގެ އެންމެފަހުގެ ތަފްސީލަށް ބަލާއިރު އެ ރަށުން މިހާތަނަށް ވަނީ 1038 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެކްޓިވް ކޭސްއަށް ބަލާއިރު މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 5ކެވެ. ވޭތުވެދިޔަ 120 ދުވަސް ތެރޭގައި ދުވާފަރުން ވަނީ 6921 ކޮވިޑް ސާމްޕަލް ނަގާފައެވެ.

އާބާދީ 5،000 އަށްވުރެ ބޮޑު ދުވާފަރުން ބަލި ޖެހުނު މީހުންނަށް އޭދަފުށީ މެޑިކަލް ފެސިލިޓީގައި އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ވެސް ވަނީ އިތުރު ފަރުވާ ދީފާވެއެވެ. ކޮވިޑްގެ ބަލީގައި ދުވާފަރުން 8 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ވެސް ދުވާފަރުގާ އެޅިއެވެ. ހެނދުނު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގާފައިވާއިރު އެނޫން ވަގުތުތަކުގައި ބޭރަށް ނިކުމެވެނީ ޒަރޫރީ ކަންކަމުގައި އެކަންޏެވެ. ޕާކުތައް ވެސް ބަންދުކޮށް، އެއްވެ އުޅުން ވެސް މަނާ ކުރިއެވެ.

މާލެ ދަތުރުކުރާ އެ ރަށު ބޯޓަކުން ކޮވިޑްގެ ކޭސްއެއް ފެނި، ދުވާފަރު މޮނިޓަރިންނަށް ލީ މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހުއެވެ.