އެކި މައްސަލަތަކުގައި ހައްޔަރުކުރާ ކުށްވެރިންގެ ތެރެއިން މޮނިކޮން އަމުރުގައިވާ ފަރާތްތައް ބެލުހެއްޓުށް ބޭނުންކުރާ ޓެގު ހޯދުމުގެ މަސައްކަތް، ހޯމް މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވި ކަމުގެ ދައުވާ އުފުލާފައިވާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށް އޭނާ މިނިވަން ކުރަން ހައިކޯޓުން މީގެ ހަ ދުވަސް ކުރިން ހުކުމް ކުރުމަށް ފަހު، މީގެ ދެ ދުވަސް ކުރިން އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައިވަނިކޮށެވެ.

"ދަ ޕްރެސް" އަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޮނިކޮން ޓެގް ހޯދުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށާއި، އެހެންވެ މިވަގުތު މޮނިކޮން އަމުރުގައިވާ ކުށްވެރިން ބެލެހެއްޓުމަށްޓަކައި ޓެގް ބޭނުން ނުކުރާ ކަމަށެވެ. އެކަމަކު އެ އަމުރުގައިވާ ކަންތައްތައް ތަންފީޒުވާ ކަން ޔަގީން ކުރުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރާ ކަމަށް ވިދާޅުވި ނަމަވެސް، އެ އެކުޅުތަކުގެ ތަފްސީލެއް ނުދެއްވައެވެ.

"ކުށްވެރިން ބަލަހައްޓަން ބޭނުންކުރާ ޓެގަކީ މިހާތަނަށް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހޯދާފައިވާ އާލާތެއް. އަލަށް ޓެގު ހޯދުމަށްޓަކައި ފުލުހުން ދަނީ ހޯމް މިނިސްޓްރީ އާއި ގުޅުން ހުރި އިދާރާތަކާ އެކު މަސައްކަތް ކުރަމުން." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލާފައިވާ އަމީނުގެ މައްޗަށް ހައިކޯޓުން އިއްޔެ ނެރުނު މޮނިކޮން އަމުރުގައި ވާގޮތުން، ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ބޭރަށް ނުކުތުމާއި ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަށް ދިއުން އޭނާއަށް ވަނީ މަނާކޮށްފައެވެ.

މޮނިކޮން އަމުރަކީ ރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކޮށްފައިވާ މީހުންގެ ތެރެއިން މުޖުތަމައު އަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ އަމަލުތައް ގާތުން ބެލުމަށް ނެރޭ އަމުރެކެވެ.