ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ސަރުކާރަކީ މަނީ ހައިސްޓް ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާ "ޕްރޮފެސަރަކީ" ކާކުކަން އެނގިވަޑައިގަންވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ، މި ސަރުކާރުން ކޮށްފައިވާ ކަންކަން ހާމަ ކުރައްވަމުން ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ. ޖުމްހޫރި ޕާޓީގެ ރައީސް ކަމުގެ މަގާމުގައި މިހާރު ވެސް ހުންނެވި އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރު ތެރޭގައި ފައިސާ ލޫޓުވާ ޑްރާމާއެއް އެބައޮތް ކަމަށާއި އެއީ މަނީ ހައިސްޓް ކަމަށެވެ. އެ ކަން ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކު ގިނަބަޔަކަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެ "ޕްރޮފެސަރު" ހޯދަން ނުކުންނަވަން ޖެހިވަޑައިގަންނަވާ ކަމަށް އަލީ ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު

މި ސަރުކާރުގެ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި އިބްރާހިމް ރިއްފަތާއި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އަމީރު އަށް ފާޑު ވިދާޅުވަމުން އަލީ ވަނީ އެ ބޭފުުޅުން އަމިއްލަ ކާރެއް ނުގެންގުޅުއްވާ ކަން ފާހަގަ ކުރައްވާފައެވެ. އެ ބޭފުޅުން ދިރިއުޅުއްވަނީ ވަރަށް ތިލަކޮށް ސުލްހަކޮށް ކަމަށް ދައްކަވަން އުޅުއްވާ ކަން ހާމަކުރައްވަމުން އަލީ ވިދާޅުވީ، އެބޭފުޅުން ގާޑިޔާއެއްގައި އުޅުއްވިނަމަސް މިކަންކަމަކީ ނުކުރާ ކަންކަމަކަށް ނުވާނެ ކަމަށެވެ.

މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރު / ފޮޓޯ: ނިމާ ހަސަން - ދަ ޕްރެސް

ދައުލަތް ވަނީ ލޫޓުވާލާފައި ކަމަަށާއި އެމީހުން މަސައްކަތް ކުރަނީ މަނީ ހީސްޓާ އެއްގޮތަށް ކަމަށް އަލީ ސިފަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރަށް ފަހު މަނީ ހޫސްޓް ލީޑް ކުރާ "ޕްރޮފެސަރު ހޯދަން" ނުކުންނަވަން ޖެހޭ ކަމަށް އަލީ ވިދާޅުވިއެެވެ. ނަމަވެސް އެމީހުންނާ އެކުގައި މަސައްކަތް ކުރައްވާފައި ހުންނެވުމުން މާސްކް އަޅައިގެން ތިއްބެވިއަސް އެއީ ކޮންކޮން ބޭފުޅުންތަކެއް ކަން އެނގިވަޑައިގަންނަވާ ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެ މީހުންގެ ތެރެއިން ޕްރޮފެސަރަކީ ކާކުކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަލީ އިޝާރާތް ކުރައްވާ "ޕްރޮފެސަު" ގެ ނަން ހާމަ ކުރައްވާފައެއް ނުވެއެވެ.

އިތުރަށް މި ސަރުކާރަށް ފާޑު ވިދާޅުވަމުން އަލީ ވިދާޅުވީ، މި ރާއްޖޭގައި މިވަގުތު ޝަރުއީ ނިޒާމެއް ނެތް ކަމަށާއި މި ވަގުތު ރާއްޖޭގައި އޮތީ "ޝަމީމީ" ނިޒާމެއް ކަމަށެވެ. އަލީ ވަހީދު މިހެން ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމްގެ ނުފޫޒު ޝަރުއީ ނިޒާމުގެ ތެރެއަށް ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

ހުސައިން ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އެގޮތުން ޝަމީމްގެ ނުފޫޒުގެ ފެށުނު ހިސާބު ހާމަ ކުރައްވަމުން އަލީ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސޯލިހް މަގާމުން ދުރުކުރެެއްވި ގޮތް އެކަމުގެ މިސާލަކަށް ފުދޭ ކަމަށެވެ. އޭރު އިކޮނޮމިކް ކައުންސިލުން ނިންމުމަށްފަހު ތަންފީޒު ކުރަން ދިން އަމުރެއްގެ ސީޓިގައި ސޯލިހް ސޮއި ކުރެއްވި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އަލީ ވިދާޅުވިއެވެ. ސޯލިހްގެ މައްޗަށް ދައުވާ ކުރި އިރު، އިކޮނޮމިކް ކައުންސިލްގައި ތިއްބެވި މީހުންގެ މައްޗަށް ދައުވާ ނުކޮށް ސޯލިހަށް ދައުވާ ކުރި މައްސަލައިގައި އަލީ ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ސޯލިހް ސަސްޕެންޑް ކުރި މައްސަލަ އަކީ ޓޫރިޒަމަށް ވަނުމަށް ބެހެއްޓި ފުރަތަމަ ހަތިޔާރުގެ ގޮތުގައި އަލީ ސިފަ ކުރެއްވިއެވެ. އިތުރަށް އަލީ ވިދާޅުވީ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އަކީ ހިމާޔަތް ކުރަންޖެހޭ ތަނެއް ކަމަށެވެ.

އަޑުބަރޭއާއި އަލީ ވަހީދު

އަލީ ވަހީދު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާފައި ވަނީ އިނގިރޭސިވިލާތުގައި ހުންވައިގެން އޮންލައިންކޮށެވެ. 3 ގަޑި އިރަށް ދިގުދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުންވެސް ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ ގޮތުގައި އަލީ ސިފަ ކުރެއްވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަލީ ވަނީ މި ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަން ހާމަ ކުރައްވާފައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ރައީސް ސޯލިހާ އެކުގައި މަސައްކަތް ނުކުރައްވާނެ ކަމަކަށް އޭނާ ވިދާޅެއް ނުވެއެވެ. އަދި އޭނާއަށް ކުރި ދައުވާތަކާ ގުޅިގެން އެއްވެސް މީހަކަށް ދެރައެއް ދީ އަނިޔާއެއް ދޭން ބޭނުންވެވަޑައި ނުގަންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިއީ އޭނާގެ ހަޔާތުގައި އައި އަޑިގަނޑެއް ކަމަށާއި އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

އަލީ ވަހީދު ރައީސަށް އެ ތުހުމަތު ކުރެއްވި އިރު، އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އާންމު ކުރި ލިސްޓުގައި ރައީސް ސޯލިހުގެ ނަމެއް ނެތެވެ. އަދި ރައީސްގެ އިސްތަށިފުޅުގައި އެފަދަ ތުހުމަތެއް އެޅޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މީގެ ކުރިން ރައީސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެގައިވެސް ވިދާޅުވެފައެވެ.