ކުރީގެ ރައީސްްއަބްދުﷲ ޔާމީން އުނަގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުން ގިނައިރު އިށީނދެ އިންނަވަން ދަތިވެ ޝަރީއަތް ކުރުކޮށްްދޭން އެދިވަޑައިގެން އެދިވަޑައިގެންނެވުން ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
މިމަހު 16 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ ކަމަށާ، 2 ގަޑިއިރު ވަންދެން ގޮނޑިއެއްގައި އިންނަވަން ވެސް އެމަނިކުފާނަށް ދަތިފުޅުވާ ކަމަށެވެ.
އެހެން ކަމުން ޝަރީއަތުގައި އެހާ ގިނަވަގުތު އިންނެވުން ނުހަނު ދަތިފުޅު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތް ފަށަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ޔާމީންގެ ފަރާތުން ހުށަހެޅި ސިއްހީ ލިޔެކިއުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، މެންދުރުފަހު ބާއްވަން ތާވަލު ކުރި އަޑުއެހުންތައް ނުބާއްވަން ނިންމަވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މައްސަލަ މާ ބޮޑަށް ދިގުލައިގެން ގޮސް، ތާވަލުން ޖާގަ ނުލިބޭ ހިސާބަށް ހިނގައްޖެ ނަމަ އަނެއްކާ ވެސް މެންދުރަށް އަޑުއެހުންތައް ތާވަލު ކުރަން ޖެހިދާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ފަސް ވަނަ އަޑުއެހުން މިއަދު ކުރިޔަށް ގެންގޮސްފައިވާއިރު، އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ނުކުތާތައް މިއަދު ވަނީ ހުށަހަޅާފައެވެ.
ޔާމީނުގެ މަށްޗަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2021 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ކުރި މި ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ.
ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.