ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުގައި އަންހެން ދަރިވަރުންނަށް ހާއްސަ ކޮށްފައި ވާ ސްކޫލްތައް އަލުން ހުޅުވާނެ ކަން ކަށަވަރު ކުރުމަށް، ތައުލީމާ، ސައެންސާ، ސަގާފަތާ ބެހޭ އދގެ ޖަމިއްޔާ (ޔުނެސްކޯ) އިން ގޮވާލައިފިއެވެ.

ޔުނެސްކޯއިން ވަނީ، އަންހެން ދަރިވަރުންނަށް، ސްކޫލްތަކަށް ހާޒިރު ވެގެން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ފަހިކޮށްދީފައި ނެތުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުގެ އިންޒާރުވެސް ދީފައެވެ.

ޔުނެސްކޯއިން މިފަދަ އިންޒާރެއް ދީ، އަންހެން ދަރިވަރުންގެ ސްކޫލްތައް ހުޅުވާނެ ކަން ކަށަވަރު ކުރުމަށް އަފްގާނިސްތާނަށް ގޮވާލާފައި މިވަނީ، އެ ގައުމުގައި ފިރިހެން ދަރިވަރުންނަށް ހާއްސަ ކޮށްގެން ސާނަވީ ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާ، އަދި އަންހެން ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނެ އުސޫލަކާ މެދު ވަކި ގޮތެއް ހަމަޖެހިފައި ނުވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހުކުރު ދުވަހު އަފްގާނިސްތާނުގެ އިންތިލާގީ ސަރުކާރުން ވަނީ، ސްކޫލްތަކަށް ހާޒިރު ވާނީ ހަމައެކަނި ފިރިހެން ދަރިވަރުންނާއި ފިރިހެން މުދައްރިސުން ކަމަށް ބުނެފައެވެ.

ޔުނެސްކޯގެ ބަޔާނެއްގައި އެ ޖަމިއްޔާގެ ޑައިރެކްޓާ ޖެނެރަލް އޯޑްރޭ އަޒޫލޭ ވަނީ، އަންހެން ދަރިވަރުންނަށް އިލްމު ފޯރުކޮށްދޭ މުއައްސަސާތައް ބަންދު ކޮށްފައި ބެހެއްޓުމަކީ، އަންހެނުންނާއި އަންހެން ކުދިން ތައުލީމު ހާސިލު ކުރުމަށް އޮތް އަސާސީ ހައްގަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް އިންޒާރު ކުރައްވާފައެވެ.

އަދި ވީ އެންމެ އަވަހަކަށް އަންހެން ދަރިވަރުންނަށް ސްކޫލްތައް ނުހުޅުވައިފިނަމަ ލިބޭ ގެއްލުންތަކަކީ، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކަކަށް ވެދާނެ ކަމުގެ އިންޒާރުވެސް އަޒޫލޭ ވަނީ ދެއްވާފައެވެ. ސްކޫލަށް ހާޒިރު ވާނެ ފުރުސަތު ނުލިބި ލަސްވަމުން ދިއުމަކީ، އިލްމީ ހަޔާތުން އަންހެން ދަރިވަރުން ބާކީ ވެ ދިއުމަށް ކޮށޭ މަގެއް ކަމަށްވެސް އަޒޫލޭ ވަނީ އިންޒާރު ކުރައްވާފައެވެ. ނަތިޖާއެއްގެ ގޮތުން ޅަ އުމުގައި ކައިވެނި ކުރުން އިތުރުން ފަދަ ކަންކަން މެދުވެރިވެދާނެ ކަން ޔުނެސްކޯއިން ފާހަގަ ކުރެއެވެ.

ތޯލިބާނުންގެ ތަރުޖަމާނު، ޒަބީއުއްލޯ މައްސޫދާއި ހަވާލާދީ އަފްގާނިސްތާނުގެ ބަހްތަރު ނިއުސް އޭޖެންސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އަންހެން ދަރިވަރުންގެ ސްކޫލްތައް އަވަސް މުސްތަޤުބަލެއްގައި ހުޅުވާނެއެވެ. އަދި މިކަމުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށާ، މުދައްރިސުން ބައި ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

1990ގެ އަހަރުތަކުގެ ކުރީ ކޮޅު، އަފްގާނިސްތާނުގައި ހަރުކަށި ވެރިކަމެއް ތޯލިބާނުން، އަނެއްކާވެސް އެ ގައުމުގެ ވެރިކަމަށް އަރާފައި ވާއިރު، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ބޮޑު އުނިކަމެއް ލިބިދާނެ ކަމަށް، ބައިނަލްއަގުވާމީ މުޖުތަމައުއިން ދިޔައީ އިއްތިފާގު ވަމުންނެވެ.