ދުނިޔޭގެ އެންމެ މުއްސަނދި އާއިލާތަކުގެ ލިސްޓުގައި ގުނާލެވޭ އާއިލާތަކުގެ މިލްކިއްޔާތު، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި 22 ޕަސެންޓް މައްޗަށް ޖެހިލާފައި ވާ ކަމަށް ބްލޫމްބާގްގުގެ ރިޕޯޓަކުން ދައްކައިފިއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އާއިލާތަކުގެ ލިސްޓަށް ބަލާއިރު، އެންމެ ކުރީގައި އޮތީ މަޝްހޫރު ވިޔަފާރި ކުންފުނި، ވޯލްމާޓްގެ ފަހަތުގައި އޮތް ވޯލްޓަންސް އާއިލާއެވެ. މިއީ ވޯލްޓަންސް އާއިލާއިން މި މަގާމު ކަށަވަރު ކުރި، ވިދިވިދިގެން 4 ވަނަ އަހަރެވެ.
މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ވޯލްޓަންސް އާއިލާގެ މިލްކިއްޔާތަށް 23 ބިލިއަން ޑޮލަރު އިތުރު ވެފައި ވާއިރު، އެ އާއިލާގެ މިލްކިއްޔާތުގެ ޖުމުލަ އަގު މިހާރު ވަނީ 232 ބިލިއަން ޑޮލަރަށް އަރާފައެވެ.
ކަން މިހެން އޮތް އިރު، ދުނިޔޭގެ އެންމެ މުއްސަނދި 25 އާއިލާގެ ލިސްޓުން، ލީ ފެމިލީ ވެއްޓިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. ސަމްސަންގް ކުންފުނީގެ ފަހަތުގައި އޮތް ލީ އާއިލާއަށް ލިސްޓުން ޖާގަ ގެއްލުނީ، އާއިލާގެ އެންމެ އިސް ފިރިހެން މީހާގެ މަގާމުގައި ހުރި ލީ ކުން-ހީގެ މަރާ ގުޅިގެން، 11 ބިލިއަން ޑޮލަރުގެ އިންހެރިޓަންސް ޓެކްސް ނުވަތަ ވާރުތަ މުދަލުގެ ޓެކްސް ދެއްކުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކުރިން ހަދާފައި ވާ މިފަދަ އިތުރު ދިރާސާއަކަށް ބަލާއިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ބޮޑެތި މީހުން ކަމަށް ބަލާ އުމުރުގެ އާބާދީގެ 1 ޕަސެންޓް މީހުން ވަނީ، މުޅިން އަލަށް މިލިއަނަރުންނަށް ވެފައެވެ.
ކްރެޑިޓް ސޫޒީގެ ދިރާސާއިން ދައްކާ ގޮތުގައި، އިންތިހާ މުއްސަނދިންގެ މިލްކިއްޔާތުގެ އަގު، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ވަނީ 24 ޕަސެންޓް އިތުރު ވެފައެވެ. މިއީ 2003 ވަނަ އަހަރަށްފަހު މިހާ ބޮޑު ކުރިއެރުމެއް ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ.
ބިލިއަނަރުން ކުރިއަރާ ދިޔަ ގޮތަށް ބަލާއިރު ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމެރިކާއެވެ. އޭގެ ފަހަތުން ޗައިނާއާއި ޖަރުމަނުވިލާތެވެ.
ބިލިއަނަރުންގެ އަދަދު މައިގަނޑު ގޮތެއްގައި އިތުރު ވެފައިވަނީ ޓެކްނޮލިޖީ، ޝިޕިންގް އަދި ކާރު ސިނާއަތް ކުރިއަރާ ދިއުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
އެމެޒޯންގެ ޖެފް ބޭޒޯސް، ސްޕޭސް އެކްސްގެ އީލޯން މަސްކު އަދި ލުއި ވިޓޯޏްގެ ބާނާޑް އާނޯލްޓް އާއި މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް ހިމެނެނީ، ދުނިޔޭގެ "ސުޕާ ބިލިއަނަރުން"ގެ ލިސްޓުގައެވެ.