ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ފަސޭހަކަމާއެކު ދޫވެގެންދިއުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ މައްސަލައަށް ވެސް އެ ނަތީޖާގެ އަސަރު ފޯރަފާނެ ކަމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނެފައި ވަނީ، ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި އެފަދަ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެންނެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިން ގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކޮޮށް ދައުވާ އުފުލޭ ގިނަ ފަރާތްތައް އާންމު ގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމައުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއް ކަމަށެވެ. އަދި އިޖުރާއީ ނުކުތާއެއްގެ ހުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއެސް ތުހުމަތުތަކުގައިވާ ފަރާތްތައް ދޫވެގެންދަނީ އަލުން ދައުވާ ނުވެސް އުފުލޭނޭ ގޮތަށްކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްޑިޕީން ބުނީ، އަމީންވެސް ދޫކޮށްލާފައިވަނީ، ތުހުމަތުކުރެވޭ ކުށުގެ ސީރިއެސް ކަމާއި ހެއްކާއި ގަރީނާގެ މައްޗަށް ބެލުމުގެ ތެރެއިން ނޫން ކަމަށެވެ.

"އެއާ ހިލާފަށް އޭނާ ދޫކޮށްލުމަށް ނިންމާފައިވަނީ އިޖުރާއީ ހުއްޖަތެއް ކަމަށްވާ، ހައްޔަރުކުރުމާ ގުޅޭ ދެ ގާނޫނެއްގެ ދެމެދުގައި އުފެއްދި ސުވާލަކާ ގުޅުވައިގެން"
އެމްޑީޕީ

މިފަދަ ސީރިއެސް އަދި ބޮޑު ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު މި ބާވަތުގެ ގާނޫނީ ހުއްޖަތެއްގައި ދޫވެދިއުމަކީ، ތަހްގީގްކުރާ އިދާރާ ނުވަތަ ޕްރޮސިކިޔުޓާ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން އެފަދަ މައްސަލަތަކުގައި ސަމާލުވެ، ފަރުވާތެރިވެ، ނުވަތަ ސީރިއެސް ވާންޖެހޭ މިންވަރަށް އަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލަން ޓެރަރިޒަމް ހަމަލާދިން ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކާއި އެމީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ.