ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި އުޅޭ ކުދިންގެ ފޮޓޯނެގުމާ، ވީޑިއޯކުރުމާ، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އިއްޔެ ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ވަނީފުރާޅު މައްޗަށް އަރާ އެތަނަށް ބައެއް ގެއްލުންދީފައެވެ. އަދި ފިޔަވީގައި އަލިފާންވެސް ރޯކޯށްލިއެވެ، އެމަންޒަރު ބަލަން އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާއްމުން ވެސް އެއްވެ ތިއްބެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއް ކުދިންގެ ފަރާތުން ފެންނަ ކަންތަކާ ގުޅިގެން އެމިނިސްޓްރީއާި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި މިވަގުތު ވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާ، މުވައްޒަފުންނާ އެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ގަބޫލުކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާ، ވީޑިއޯކުރުމާ، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އެސާވިސްއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.

އޭގެ އިތުރުން ކުޑަކުދިންގެ ހަހައްގުތައް ކަށަވަރުކޮށް އެކުދިންގެ ކަރާމާތަށް ގެއްލުންނުވާގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ. މިނިސްޓްރީން ބުނީ އެހާދިސާގައި ހިމެނޭ ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.