ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ފެނި، ކަރަންޓީން ކާފިއުގެ ހަރުކަށި އަމުރުތަކެއް ތަންފީޒު ކުރަމުން ދިޔަ އަވަށްޓެރި ސްރީލަންކާއިން، ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވާ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ސްރީލަންކާގެ ރައީސް އޮފީހުން ހަބަރު ދޭ ގޮތުގައި، ކަރަންޓީނު ކާފިއުގެ މުއްދަތު މިހާރު އިތުރު ކޮށްފައި ވަނީ އޮކްޓޯބަރު 1، 2021 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ، ސްރީލަންކާގެ ކޮވިޑް ޓާސްކް ފޯހާއެކު ރައީސް ގޮތަބާޔާ ރާޖަޕަކްސަ ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން، ސެޕްޓެމްބަރު 21 ވަނަ ދުވަހު، ކާފިއުގެ އަމުރު އުވާލާ، ފިޔަވަޅުތަކެއް އިއުލާން ކުރެވޭނެއެވެ. ނަމަވެސް ކާފިއުގެ މުއްދަތު އިތުރު ކުރަން ލަފާ ދީފައި ވަނީ ސިއްހީ ތަޖުރިބާކާރުން ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްރީލަންކާގައި މިހާރު ތަންފީޒު ކުރަމުން އަންނަ ކަރަންޓީނު ކާފިއުގެ ސަބަބުން، ކޮވިޑް ކޭސްތައް ކޮންމެވެސް ވަރަކަށް ދަށް ވަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި މަސް ނިމޭއިރު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން އުއްމީދު ކުރާ ކަމަށް، ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނެއް ކަމަށް ވާ ޑރ ރަމޭޝް ޕަތިރަނާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައި ވާ ގޮތަށް ބަލާއިރު، ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެ ގައުމުން 21058 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ އޭގެ ކުރީ 7 ދުވަހާ އަޅާ ބަލާއިރު 16 ޕަސެންޓް ދަށް އަދަދެކެވެ. ފާއިތުވީ 7 ދުވަހުގެ ތެރޭގައި ކޮވިޑް ޖެހިގެން އެ ގައުމުން 953 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ އޭގެ ކުރީ 7 ދުވަހުގެ މަރުގެ ކޭސްތަކާ އަޅާ ބަލާއިރު 24 ޕަސެންޓް ދަށް އަދަދެކެވެ.