ދުނިޔޭގެ އެންމެ ބައިބޯ ގައުމުތަކުގެ ތެރޭގައި ގުނާލެވެ އިންޑޮނޭޝިއާގެ ވެރިކަން ކުރާ ރަށް، ޖަކާޓާގެ ވައި ތަޣައްޔަރު ވަނީ، ރައީސް ޖޯކޯ ވިޑޯޑޯއާއި އެނޫންވެސް އިތުރު އިސް އޮފިޝަލުންގެ އިހުމާލުން ކަމަށް، އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ޖަކާޓާގެ ވައި ތަޣައްޔަރު ވުމުގައި ރައީސް ވިޑޯޑޯއާއި އިސް އޮފިޝަލުންގެ އިހުމާލު އޮތް ކަމަށް ކޯޓުން ހުކުމް ކޮށްފައި ވަނީ، އާންމު ރައްޔިތުންތަކެއް، 2019 ވަނަ އަހަރު ކޯޓަށް ވެއްދި މައްސަލައިގައެވެ. މި މައްސަލާގައި ހުކުމް އިއްވުން، 8 ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފައެވެ. 2019 ވަނަ އަހަރަކީ، ދުނިޔޭގެ އެންމެ ވައި ނުސާފު ސިޓީގެ ދަރަޖަވެސް ޖަކާޓާއަށް ދިން އަހަރެވެ.

ގާތްގަނޑަކަށް 10 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ޖަކާޓާއަކީ އިންޑޮނޭޝިއާގެ އެންމެ ބޮޑު ސިޓީއެވެ. އެއްގަމު އުޅަނދުފަހަރުގެ އިތުރުން ބޯޓުދެލި ބޭނުންކޮށްގެން، އެކަށީގެންވާ ފިލްޓަރު ހަރުކުރުމަކާ ނުލާ ހިންގާ ކާރުހާނާތަކުގެ ސަބަބުން، މުޅި ސިޓީ އޮންނަނީ އަބަދުމެހެން ދުންބޯވެފައެވެ.

ވައި ތަޣައްޔަރުވުމުގެ ސަބަބުން، ސިޓީގެ ރަށްވެހިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރަމުން ދާ ކަމަށް ބުނެ، ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދި، އާންމުންގެ 32 މީހަކު ކޯޓަށް ވެއްދި މައްސަލާގައި، ގައުމީ ފެންވަރުގައި ވައިގެ ކޮލިޓީ ރަނގަޅު ކުރުމަށް ރައީސް ވިޑޯޑޯގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ. އަދި ޕްރޮވިންޝަލް ގަވަމަންޓުން ކުރަން ޖެހޭ ކަންތައްތަކެއް ވެސް ބަޔާން ކޮށްފައިވެއެވެ.

ކަން މިހެން އޮތް އިރު، ވިޑޯޑޯ ގެންދަވަނީ، އިންޑޮނޭޝިއާގެ ވެރިކަން ކުރާ ރަށް، ޖަކާޓާއިން، އީސްޓް ކަލިމަންޓާންއަށް ބަދަލު ކުރުމަށް ބާރު އަޅުއްވާ، އެކަމަށް މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި، 2024 ވަނަ އަހަރު އަންނައިރު، ވެރިކަން ކުރާ އާ ރަށުގައި، ޒަރޫރީ ބައެއް ހިދުމަތްތައް ދެވޭނެއެވެ. އަދި މަޝްރޫއު މުޅިން ނިންމަން، 20 އަހަރު ބޭނުން ވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ވައި ތަޣައްޔަރުވުމާއި ތޮއްޖެހުމުގެ އިތުރުން، ޖަކާޓާއަކީ އިންތިހާ ހަލުވި ދުވެލީގައި ގަނބަމުން ދާ ރަށެއްކަންވެސް ފާހަގަ ކުރަންޖެހެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ވަނީ، 2050 ވަނަ އަހަރު އަންނައިރު، ޖަކާޓާގެ ބޮޑު ބައެއް، ގަނބައިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނޯތު ޖަކާޓާ ސަރަހައްދު، 8 ފޫޓު ގަނބައިގެން ގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ. މި ސިޓީގެ 2 ބައިކުޅަ 1 ބައި މިހާރުވެސް އޮންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ އަޑީގައެވެ.