މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނުރައްކަލަކީ، ދިވެހިރާއްޖޭގެ ދެމި އޮތުމާ ގުޅިފައި ވާ ކަމެއް ކަމަށާ، ކޮންމެ ދުވަހަކީވެސް ގައުމު ޣަރަގުވެ ދިއުމުގެ ބިރުވެރި ފުރުސަތު އޮތް ދުވަހެއް ކަމަށް، އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު، އަރަބް ނިއުސްއަށް ދެއްވި، ހާއްސަ ބަސްދީގަތުމެއްގައެވެ.

ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނަ ކަމަށާ، "ރަތް ރޮނގު" ހުރަސް ކުރެވިފައި ވާ ކަމުގެ އިންޒާރު، ސައެންސްވެރިން ދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، ދިވެހި ރާއްޖެ ދެމި އޮންނަނީ އުއްމީދެއްގެ އެހީގައި ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. އެ އުއްމީދަކީ، ހެޔޮ އިންސާނިއްޔަތު ކަމުން ލިއްބައިދޭ އުއްމީދެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން، ހެޔި އިންސާނިއްޔަތުކަން ކިތަންމެ ރަނގަޅަކަށްވެސް ފާޅުވެގެން ހިނގައްޖެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އުއްމީދު ގެއްލުވާލައިފިނަމަ އެކަމުގެ ސަބަބުން ލިބެން އޮތީ ކޯނޗެއްތޯވެސް ޝާހިދު ވަނީ ސުވާލު ކުރައްވާ، އެފަދަ ކަމަކުން ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް (ކ) އަދި 76 އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު / ފޮޓޯ: ޓްވިޓާ

އދގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން ހުންނެވި ޝާހިދު ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒް އެކުލަވާލައްވާފައި ޒުވާން އެޑްވައިޒަރުންގެ ގުރޫޕާވެސް ބައްދަލު ކުރައްވާފައެވެ.

ޒުވާން އެޑްވައިޒަރުންގެ ގުރޫޕާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ، އެ ޒުވާނުންގެ އަޑު ވަރަށް ސާފުކޮށް އިވިވަޑައިގެންފި ކަމަށާ، ދެން އޮތީ ހުރިހާ އެންމެންވެސް އެ އަޑުތައް، ކަނުލާ އެހުން ކަމަށެވެ.

ދިވެހި ރާއްޖެއެކޭ އެއްފަދައިން، މޫސުމީ ނޭދެވޭ ބަދަލުތަކަކީ، ތެޔޮ އުފައްދަމުން އަންނަ ގަލްފުގެ ގައުމުތަކުގެ ދެމި އޮތުމާވެސް ގުޅިފައި ވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޝާހިދު ވަނީ، ސައުދީ އަރަބިއްޔާއިން ހިންގާ ތިމާވެށީގެ ސިޔާސަތައް ތައުރީފު ކުރައްވާފައެވެ.