ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު މިހާރުން މިހާރަށް މަދު ކުރަން ޖެހިފައި ވާ ކަމަށް ސައެންސްވެރިން އިންޒާރު ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، 2015 ވަނަ އަހަރު އެއްބަސްވުމަކަށް އައިސްފައި ވާ ޕެރިސް އެގްރިމަންޓުން ލާޒިމު ކުރާ މިންގަނޑުތަކަށް ރިއާއަޔަތް ކުރާ މޫސުމީ އިސްތިރާޖެއް، ދުނިޔޭގެ ބޮޑެތި އިގުތިސޯދުތަކުން ކުރެ އެއްވެސް އިގުތިސޯދެއްގައި ނެތް ކަމަށް، ބުދަ ދުވަހު އާންމު ކުރި އެނަލިސިސްއެއް ބުނެފިއެވެ.
ކްލައިމެޓް އެކްޝަން ޓްރެކާ (ކެޓް) ގެ ނަމުގައި ހަރަކާތްތެރިވާ ވޮޗްޑޯގުން ވަނީ، 36 ގައުމަކާއި ވިލާތުގެ އިއްތިހާދުގެ 27 ގައުމަކުން އެކުލަވާލާފައި ވާ ސިޔާސަތުތައް ދިރާސާ މުރާޖާ ކޮށްފައެވެ. މި މުރާޖާއާއަށް ފަހު ކެޓްއިން ވަނީ، ދުނިޔެ ހޫނުވެގެން ދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދިނުމަށް، ބޮޑެތި އިގުތިސޯދުތަކުން ފެއިލް ވަމުން އަންނަ ކަމަށް ނިންމާފައެވެ.
ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރުގެ 80 ޕަސެންޓް ހިއްސާ ކުރަނީ މި ގައުމުތަކުންނެވެ. މި ގައުމުތަކަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ 90 ޕަސެންޓް އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ 75-80 ޕަސެންޓް ހިއްސާ ކުރާ ގައުމުތަކެވެ. އަދި ދުނިޔޭގެ އާބާދީގެ 3 ބައިކުޅަ 2 ބައި އާބާދީއާއި، ދުނިޔޭގެ ބިމުގެ ސަތަހައިގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައިވެސް ހިއްސާ ކުރާ ގައުމުތަކެވެ.
މި ގައުމުތަކަށް ބަލާއިރު، 1.5 ޑިގްރީ ސެލްސިއަސްގެ މިންގަނޑަށް ފެތޭ ހަމައެކަނި ގައުމަކީ ގެމްބިއާ ކަމަށް، އެނަލިސިސްއިން ދައްކައެވެ.
ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރު ކުރާ ގައުމުތަކުގެ ސިޔާސަތުތަކާ ގުޅިގެން މިފަދަ ދިރާސާއެއް އާންމު ކޮށްފައި ވާއިރު، ވަގުތު ކުޑަތަން ވަމުން ދަނީ މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ އެންމެ މަތީ ފަންތީގެ ބައިނަލްއަގުވާމީ ބައްދަލުވން (ކޮޕް26) އަށެވެ.
މި އިވެންޓްގެ ޗެއާމަން، އިނގިރޭސި އެމްޕީ، އަލޯކް ޝަރުމާ ވަނީ، 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒު، މި ފަހަރުގެ ސަމިޓްގައި ދިރުވާ، އާލާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކަން މިހެން އޮތް ނަމަވެސް، ކެޓްއިން ވަނީ، މި އަމާޒަށް ވާސިލުވުމަށް ދުނިޔޭގެ ލީޑަރުން ވެވަޑައިގެންފައިވާ ބޮޑެތި ވައުދުތައް ފުއްދެވުމުގެ މަސައްކަތް، ހުއްޓުމަކަށް އައިސްފައި ވާ ކަމަށް ތުހުމަތު ކޮށްފައެވެ.