ޕްރޮމޯޝަން ނުދޭތީ އައިޖީއެމްއެޗްގެ 491 ޑޮކްޓަރުންނާއި ނަރުހުންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފިއެވެ.
އެ ޕެޓިޝަން ހުށަހަޅާފައި ވަނީ ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑާލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ ގުޅިގެން އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައެވެ.
އެޕެޓީޝަން ރައީސް ސޯލިހަށް ހުށަހަޅާފައި ވަނީ މިއަދު މެންދުރު ހާއިރުއެވެ.
އެ ޕެޓިޝަން ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވި، ކަށީގެ ހާއްސަ ޑރ. ޔޫސުފް ޝާން ވަނީ ސިއްހީ ހިދުމަތްތެރިންނަކީ އެހެން ވަޒީފާތަކުގައި މީހުން އަދާކުރާ މިންވަރަށް ވުރެ މާ ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރާ ބައެއް ކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން އެކަންކަމަށް ބެލުމެއްނެތި މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަކީ އެތައް ބައެއްގެ ހިތްވަރު އެލިގެން ދިޔުމަށް މަގުފަހިވެގެން ދިޔަ ކަމެއް ކަމަށް ޝާން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ކޮވިޑްގެ ތެރޭގައި އެންމެ ބުރަކޮށް މަސައްކަތްކުރި ބަޔަކަށް ޑޮކްޓަރުންނާއި ނަރުހުން ކަން ޝާން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ގެއްލުމުގައި ވެސް ގެއްލުން ކުރިމަތިވީ އެ މީހުންނަށް ކަމަށް ޝާން ވަނީ ވިދާޅުވެފައެވެ.
ޝާން ވަނީ އެ ޕެޓިޝަން ހުށަހެޅުމާއެކު އެމީހުންގެ ކަނބޮޑުވުންތައް ހައްލުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.