މިއަދު 2 ޓަގު ބޯޓެއް އުރުމުގެ 2 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:35 ހާއިރު "ޓްރާންސްޕޯޓް ފިއުލް 09" ނަމަކަށްް ކިޔާ ތެޔޮ ބޯޓެއް ވިލިމާލެ ފަރުމައްޗަށް އަރާފައިވާ ކަމަށާއި އެ ބޯޓުގައި ބަންގްލަދޭޝް ގެ 2 މީހަކާއި ސްރީލަންކާ އެކަކު ހުރި ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ބޯޓު މިހާރު ވަނީ ޓަގު ބޯޓެއްގެ އެހީގައި ފުންކޮށްފައި ކަމަށެވެ.

މީގެ އިތުރުން މިއަދު ހެނދުނު ގާތްގަނޑަކަށް 9:52 ހާއިރު "މެރީނާ 1301" ނަމަކަށްް ކިޔާ ބޯޓެއް ފޭދޫ ފިނޮޅު ފަރުމައްޗަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަދި އެ ބޯޓުގައި ތިބީ އިންޑަނޭޝިއާ އަށް ނިސްބަތްވާ 9 ފަޅުވެރިއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ދެ ހާދިސާވެސް ހިނގަން މެދުވެރިވީ ނަގިލި ކަނޑައިގެން ގޮސްގެން ކަމަށެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއިރަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއިރަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މިއަދު ހަވީރު 5 ޖެހުމާއި ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ޅ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެ ސަރަހައްދުތަކަށް މިއަދު މެންދުރު 12 ޖެހުމާއި ހަމައަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.