ދައުލަތަށް އާމްދަނީ ހޯދުމަށް ސަރުކާރުން ބިން ވިއްކައިގެން 1.35 ބިލިއަން ހޯދަން މަސައްކަތް ކުރާނެ ކަމަށް ފިނޭނސް މިނިސްޓްރީން ބުނެފިއެވެ.

2022-2024 އަށް ދައުލަތުގެ މެދުރާސްތާ ދަރަނީގެ ސްޓްރެޓެޖީ އާއި ފިސްކަލް ސްޓްރެޓެޖީ އާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި ވާ ގޮތުން އާމްދަނީ ހޯދުމަށް ހަތްކަމެއް ކުރުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ބިން ވިއްކައިގެން އާމްދަނީ ހޯދުމުގެ މަސައްކަތް މިހާރު އޮތީ ޕްލޭނިން މަރުހަލާގައި ކަމަށް ފިނޭންސުން ބުނެއެވެ.

ބިން ވިއްކައިގެން އާމްދަނީ ހޯދުމުގެ މަސައްކަތް އަންނަ އަހަރު ކުރެވޭނެ ކަމަށް ފިނޭންސުން ބުނެއެވެ. އެ ގޮތުން އަންނަ އަހަރު 525 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައި ވެއެވެ. އަދި 2023 ވަނަ އަހަރު ބިން ވިއްކައިގެން 825 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ރިޕޯޓުގައި ލަފާ ކުރެއެވެ. އެހެންކަމުން މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރު ތެރޭގައި ދައުލަތުން ބިން ވިއްކައިގެން 1.35 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ /ފައިލް ފޮޓޯ :މަޖިލިސް

އެ ރިޕޯޓުގައި އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ އިތުރު ހަ ލަމެއް ހިމެނެއެވެ. އެއީ އެއާޕޯޓު ސާވިސް ޗާޖު އަދި އެއާޕޯޓު ޑިވެޕޮލްމެންޓް ފީ ނަގާ ރޭޓަށް ބަދަލު ގެނައުމާއި، އެކްސްޕެޓްރިއޭޓް ކޯޓާފީ ނެގުމާއި ރެސިޑެންޓް ޕާމިޓް ފީ ނަގާ ރޭޓް އިތުރު ކުރުމެވެ. މި ތިން ކަމަކީ އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒު ކުރާނެ ކަންކަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު ރިއަލް އެސްޓޭޓު ޓޫރިޒަމް އަދި އާ ރިސޯޓު ތަރައްގީ ކުރުމަށް ރަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ. އެ ގޮތުން މިއަހަރު 100 މިލިއަން ރުފިޔާ، އަންނަ އަހަރު 350 މިލިއަން ރުފިޔާ އަދި 2023 ގައި 550 މިލިއަން ރުފިޔާ މި ކަމުން ލިބޭނެ ކަމަށް ފިނޭންސުން ލަފާ ކުރެއެވެ. އަދި ޔޫއެސްއެއިޑުގެ އެހީގައި ނީލަމުގައި ސްޕެކްޓްރަމް ވިއްކުމުގެ ސްޓަޑީއެއް ހެދުމަށް މަސައްކަތް ހަވާލުކުރުމަށް ވަނީ ހުށަހަޅާފައެވެ. އެ ކަމުން އަންނަ އަހަރު 60 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސުން ލަފާކުރެއެވެ.

މީގެ އިތުރުން ކޮންޝެޝަން ޗާޖު އަދި ޕާކިން ފީ ނެގުމަށް އެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ. މިވަގުތު މި މަސައްކަތް އޮތީ ޕްލޭނިން މަރުހަލާގައި ކަމަށާއި މި އަހަރު މި ކަން ތަންފީޒު ކުރަން ފެށޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. އެގޮތުން މި އަހަރު 9 މިލިއަން ރުފިޔާ އަދި އަންނަ އަަހަރު 73.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސުން ލަފާ ކުރެއެވެ.

ފިނޭންސުން ހުށަހެޅި ރިޕޯޓުގައި ބިން ވިއްކުމަށާއި ރިސޯޓް ތަރައްގީ ކުރުމަށް ބިން ދޫކުރަން ނިންމާފައިވާ އިރު، ހއ. ފިއްލަދޫގެ އިހްތިސާސުން ބޭރުކުރި ދައްޕަރު ވިއްކާލަން އުޅޭ ވާހަކަ ވަނީ ވައިގައި ހިފާފައެވެ. އަދި ވެބްސައިޓްތަކުގައި ވިއްކަން އިޝްތިހާރުވެސް ޖަހާފައި އެބަހުއްޓެވެ. މި ކަމާ ގުޅިގެން އެއީ މި ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން މާޗް 15، 2020 ގައި އެކަށައެޅި ގަރާރަށް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ގެނެސްފައިވާ ބަދަލަކީ ކައުންސިލަށް ކަނޑައަޅާފައިވާ އިހުތިސާސްގެ ތެރޭގައި ރިސޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭނަމަ އެ ކައުންސިލެއްގެ އިހްތިސާސުން އެ ރިސޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ބައި އުނިވެގެންދާނެ ކަމަށެވެ. އަދި ފަޅު ރަށުގެ ބައެއް ދެ ކައުންސިލުގެ އިހްތިސާސަށް ވަންނަނަމަ އެ ފަޅު ރަށެއްގެ އިހުތިސާސު އެ ދެ ކައުންސިލުގެ އިހުތިސާސުން ވަކިވެގެންދާނެ ކަމަށެވެ.

އެ ބަދަލާއެކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ހއ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ދައްޕަރު ވަނީ ފިއްލަދޫގެ އިހްތިސާސުން ވަކިކޮށްފައެވެ. ހަމައެއާއެކު ރ. ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ އެ އަތޮޅު ގާއުނޑޫދޫ ވެސް ހުޅުދުއްފާރުގެ އިހުތިސާސުން މިހާރު ވަނީ ވަކިކޮށްފައެވެ.

ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނާ ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެ އެވެ. އޭރު އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރަން ރާވަނީ ތަރައްގީކުރާ ތަންތަން ގަންނަ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ލިބޭ ގޮތަށެވެ.