ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު ރޭ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނީ މަރުވެފައިވަނީ ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމް 40(އ) ކަމަށެވެ.

އޭނާ ރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާ އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ރޭ 20:23 ގައި މަރުވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނީ އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި މަރުއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށެވެ.

އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެސާވިސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައި ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.