އަނެއްކާ ވެސް ބޮމެއް ގޮއްވާލައި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭޭނޭ ކަމުގެ ނުރައްކާތެރި އިންޒާރެއް ދީފައިވާތީ އެކަން ސީރިއެސްކޮށް ނަގައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް ސަލާމަތީ ހިދުމަތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީން މިހެން ގޮވާލާފައި ވަނީ މިއަދު ނޫރު މިސްކިތުގެ ތަނބެއްގައި "ވަރަށް އަވަހަށް ބޮމެއް ގޮއްވާލައި މި ގައުމު ސުންނާފަތި ކޮށްލާނެ" މިހެން ލިޔެފައިވާ މައްސަލައެއް ތިލަވުމާއެކުގައެވެ. އެމްޑީޕީން ވަނީ މި އިންޒާރަކީ ކުށްވެރި ކުރާ ކަމެއް ކަމަށާއި، އަދި އެ އިންޒާރު ސީރިއަސްކޮށް ނެގުމަށް ދިވެހި ސަލާމަތީ ހިދުމަތަށް ގޮވާލާފައެވެ. މީގެ އިތުރުން ވީ އެންމެ އަވަހަކަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް އެމްޑީޕީން ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލާފައެވެ.

މިސްކިތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާ އިރު، މިސްކިތުގެ ހުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ، ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުން ކަމުގައި ގަބޫލު ކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެއެވެ. މިކަމުން ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ގައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރު ކަމަށް އެ ޕާޓީން ބުނެއެވެ.

މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަހްގީގް ރިޕޯޓްގައި، ބައެއް މިސްކިތްތަކުގައި، އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭގޮތުން، ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާ ކަން ފާހަގަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އެހެންވީއިރު، ހަމަ އެ މިސްކިތުގައިި މި ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ހިދުމަތްތަކުން އެއަށް ފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބަލާ އޮތް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައި ދެކޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

މި މިންވަރުގެ ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ. އެހެން ކަމުން ޓެރަރިޒަމުގެ ނުރައްކާތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އިތުރަށް ސަމާލުވެ ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ހިދުމަތްތަކަށާއި ސަރުކާރަށް އެ ޕާޓީން އިލްތިމާސްކޮށްފައި ވެއެވެ.

ރާއްޖޭގައި އެންމެ ފަހުން ބޮމުގެ ހަމަލާއެއް ދީފައި ވަނީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. އެ ހަމަލާއަކީ އެމްޑީޕީގެ ރައީށް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އެ ހަމަލާ ދިނުމުގެ ކުރިންވެސް އެތައް އިންޒާރުތަކެއް ދީފައި އޮތް ނަމަވެސް އެ ހަމަލާ ދިނުމާ ހަމައަށް އައި އިރު ވެސް ސަލާމަތީ ހިދުމަތްތަކުން ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ނުވާ ކަމަކީ އެމްޑީޕީން ކަންބޮޑުވާ މައްސަލައެއް ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

މެއި 6 ވަނަ ދުވަހު ހަމަލާގެ ކުރިން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ޑިފެންސް މިނިސްތަރު ނާރިޔާއަށް ގުޅުއްވާ ހަމަލާއެއް ދޭޏް އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި މައުލޫމާތު ހިއްސާ ކުރެއްވުމުން ވެސް މާރިޔާ އެ ވާހަކަ އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާފައެއް ނުވެއެވެ. މައްސަލަ ބެލި އިރު އިންކުއަރީ ކުރި 241 ކޮމިތިއަށް މަޜިޔާ އެކަމުގައި ޖަވާބު ދާރީވެވަޑައިގަންނަވަމުން ވިދާލުވެފައި ވަނީ އިލްޔާސް ދެއްވި މައުލޫމާތުގައި އެއްވެސް މީހެއްގެ ނަމެއް ހާމަ ނުކުރައްވާތީ އެއީ މައުލޫމާތެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

މިއަދު ތިލަވެގެން އައި ނޫރު މިސްކިތުގެ ތަނބުގައި އިންޒާރުގެ މެސެޖު ލިޔެފައިވާ މައްސަލަ އާ ގުޅިގެން އަދި ސަލާމަތީ ބާރުތަކުން އެލާޓް ލެވެލް މަތިކޮށްފައެއް ނުވެއެވެ. ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ އިންޒާރުގައި ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި ދިވެހި ގައުމު ސުންނާފަތި ކޮށްލާނޭ ކަމަށެވެ. އަދި ރާއްޖޭގައި ގަދަ ވާނީ "ބަންގާޅީން" ކަމަށާއި އެމީހުން ބޭނުން ގޮތެއް ހަދާނެ ކަމަށެވެ.