ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ގޮތުގައި ސިފަ ކުރަމުން އަންނަ ސެޕްޓެމްބަރު 11 ގެ ހަމަލާއަށް 20 އަހަރު ފުރުމާ ދިމާކޮށް، އަފްގާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާނުންގެ ދިދަ ނަގައިފިއެވެ.

އޯގަސްޓް 15، 2021 އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާން ޖަމާއަތުން ދަނީ އަފްގާނިސްތާނުގެ ހުރިހާ ދާއިރާއަކަށް އަތްގަދަ ކުރަމުންނެވެ.

ކަން މިހެން އޮތް އިރު، ޓެރަރިސްޓުންގެ ހަމަލާއެއް ކާބުލްއަށް އަމާޒު ވެދާނެ ކަމުގެ އިންޒާރާއެކު، އެ ސިޓީގައި ވަނީ އިންޒާރުގެ އެންމެ މަތީ އެލާޓް އިއުލާން ކޮށްފައެވެ. ހައްދު ފަހަނަ އަޅާފައި ވާ ހަތިޔާރުއެޅި ހަނގުރާމަވެރި، ޓެރަރިސްޓް އައިސް ޖަމާއަތުގެ ނުރައްކާ، ކާބުލްއަށް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޓެރަރިސްޓުންގެ ނުރައްކާ، އަފްގާނިސްތާނަށް ބޮޑުވެފައި ވާއިރު، މުއްލާ އުމަރާއި ޖަލާލުއްދީން ހައްގާނީ ފަދަ މީސްމީހުންގެ ފޮޓޯތައް، ކާބުލްގެ އެކި ސަރަހައްދުތަކުން މިހާރު ވަނީ ފެންނަން ފަށާފައެވެ. ޖަލާލުއްދީން ހައްގާނިއަކީ އެންމެ ވަރުގަދަ ޓެރަރިސްޓް ނެޓްވޯކްތަކުގެ ތެރޭގައި ގުނާލެވޭ ހައްގާނީ ނެޓްވޯކްގެ ބާނީއެވެ. ގޮތް ނޭނގޭ ބައްޔެއްގައި، ހައްގާނީ މަރުވި ކަމަށް ބުނަނީ 2018 ވަނަ އަހަރު، އަފްގާނިސްތާނުގައެވެ. އަފްގާނިސްތާނަކީ އޭނާގެ އުފަން ވަޒަނެވެ.

މުޙައްމަދު އުމަރު ނުވަތަ މުއްލާ އުމަރަކީ، 1996 ވަނަ އަހަރު، އިސްލާމިކް އެމިރެޓް އޮފް އަފްގާނިސްތާނު އުފެއްދުމުގެ މޭސްތިރި ކަމަށް ބުނާ މީހާއެވެ. ތޯލިބާނުންގެ ކޮމާންޑަރަކަށްވެސް ހުރީ އޭނާއެވެ. 2013 ވަނަ އަހަރު މުއްލާ އުމަރު މަރުވެފައި ވާ ކަން އިއުލާން ކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި މުއްލާ އުމަރު މަރުވީ، ޓީބީ ބަލީގައެވެ.