އޯގަސްޓް 2020 ގައި އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓު ވެއްޓުނީ، ޕައިލެޓަށް ގޯސް ހެދި، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަން ޖެހޭ ގަވައިދުތަކަށް އަމަލު ނުކުރެވިގެން ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް، ހާދިސާ ތަހުގީގު ކުރައްވަމުން ގެންދަވާ އިންވެސްޓިގޭޓަރުން ވިދާޅުވެއްޖެއެވެ.

190 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް، ކެރަލާ ސްޓޭޓްގެ ކެލިކަޓް އެއާޕޯޓަށް، ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި 21 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ދުބާއީން އަނބުރާ އަމިއްލަ ގައުމަށް އަންނަން ބޭނުން ވެފައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ފްލައިޓް، ވިއްސާރައިގެ ތެރޭގައި ރަންވޭ މަތިން ކަހަލާ، ދެބުރިވިއެވެ.

ހާދިސާ ހިނގީ، ދެވަނަ ފަހރަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައެވެ. ފުރަތަމަ ފަހަރަށް ބޯޓު ޖައްސަން ކުރި މަސައްކަތް، ޕައިލެޓުން ދޫކޮށްލީ، މޫސޫމީ ވިއްސާރަ ގަދަވުމުގެ ސަބަބުންނެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޯޓުގެ 2 ޕައިލެޓުންވެސް ހިމެނެއެވެ. މި ހާދިސާގައި 75 ފަސެންޖަރަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން ބުނީ، ބޯޓު ޖެއްސުމުގެ ކުރިން، ފުރިހަމަ ކުރަންޖެހޭ ބައެއް އިޖުރާއަތުތައް ފުރިހަމަ ކުރުމުގައި، ޕައިލެޓަށް ހިލާފުތަކެއް ހެދިފައި ވާ ކަމަށެވެ. އެގޮތުން، އިންތިހާއަށް މޫސުން ގޯވެސްފައި ވަނިކޮށް ފްލައިޓް ޖެއްސުމުގައި ހަދަންޖެހޭ ހިސާބުތައް އެންމެ ފުރިހަމައަށް ހެދުމަށް ފެއިލްވުން ފަދަ ކަންތައްތަކަކީ، ހާދިސާ ހިނގަން މެދުވެރި ސަބަބެއް ކަމަށް އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން ވަނީ ބުނެފައެވެ.

257 ސޮފުހާގެ ރިޕޯޓް ބުނާ ގޮތުގައި، ވިންޑްޝީލްޑް ވައިޕަރު މަސައްކަތް ކުރަން ފެއިލްވުމުގެ ސަބަބުން، ބޯޓުން ދުރު ފެންނަ ނިސްބަތްވެސް ވަނީ ކުޑަވެފައެވެ.

ނާޒުކު ހާލަތެއްގައި ބޯޓު ޖައްސަން އައިއިރު، އިށީނދެ ތިބުމަށް ކެބިން ކުރޫއިންނަށްވެސް ޕައިލެޓް އިރުޝާދު ދީފައި ނުވާ ކަމަށާ، މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

މޫސުމީ ވިއްސާރައިގެ ދުވަސްވަރަކީ އިންޑިއާގައި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ހިނގާ ދުވަސްވަރެކެވެ. އެގޮތުން، މެއި 2010 ގައި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް، މެންގަލޯ އެއާޕޯޓް ރަންވޭ މަތިން ކަހާލައި، އެކްސިޑެންޓްވިއެ