ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކުން ވައްކަން ކުރާ މައްސަލައެއް އަނެއްކާ ވެސް ފެންމަތި ވެއްޖެއެވެ.
މިފަހަރު ވަގަށް ނަގާފައި ވަނީ މީހަކު އޭނާގެ ޕްލެޓަށް ދިރިއުޅުން ބަދަލުކުރުމަށް ޖަމާކުރަމުން ދިޔަ ސާމަނުގެ ތެރެއިން ބައެއް ތަކެއްޗެވެ. އެތަކެތި ނަގާފައި ވަނީ ފްލެޓް ހުޅުވައިގެން ފްލެޓަށް ވަދެކަމަށް އެފަރާތުން ޝައްކު ކުރެއެވެ.
ސޯޝަލް މީޑިއާގައި ވެސް އެވާހަކަ ދައުރުވަމުން ދާ އިރު، އެއީ މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާއެކެވެ. އެމީހާ ބުނެފައި ވަނީ، ފްލެޓަށް ބަދަލުވުމަށް އެތަނަށް ގެންދިޔަ ބައެއް ތަކެތި ހުންނާނެ ކަމަށާއި ނަމަވެސް އިއްޔެ އެޕާޓްމަންޓަށް (ފެލެޓަށް) ދިޔަ އިރު ފްލެޓުގައި އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ގެ ތެރޭގައި 50 އިންޗީގެ ޓީވީއަކާއި، ބައެއް ފަރުނީޗަރުުގެ އިިތުރުން މަސައްކަތަށް ބޭނުންވާ ޓޫލްބޮކްސް އަލާއި އަދި ބޭނުން ކޮށްފައި ހުރި އަންނައުނު ވެސް ނެތް ކަމަށް އެމީހާ ބުންޏެވެ.
ވައްކަން ކޮށްފައި ވާއިރު ދޮރަށް އަދި ދޮރުގެ ތަޅަށް އެއްވެސް ގެއްލުމެއް ދީފައި ނުވާ ކަން އެމީހާ ވަނީ ފާހަގަކޮށްފައެވެ.
ހިޔާ ފްލެޓްތަކުން ވައްކަން ކުރާ މައްސަލަތައް ފެންމަތިވަމުން އަންނަ އިރު އެތަނުގައި ވެސް އަދި ފްލެޓް ސަރަހައްދުގައިވެސް ކެމެރާއެއް ނުހުރެއެވެ. ފްލެޓް ތަކަށް ތަކެތި އުފުލުމާއި އަދި ފްލެޓްތަކުގެ އިންޓީރިއާ ހެދުމުގެ މަަސައްކަތުގައި ދިވެހިން އުޅުނު ނަމަވެސް ގިނައިން ހަރަކާތްތެރިވަނީ ބިދޭސީންނެވެ.
ފްލެޓްގެ އިންޓީރިއާ މަސައްކަތް ހިނގާ އިރު އެޗްޑީސީން ކަނޑައަޅާފައި ތިބޭ މުވައްޒަފުން ގިނަ ވަގުތު ފްލެޓްތަކުގެ ސަހަރައްދުގައި އުޅުނު ނަމަވެސް އެތަންތަނަށް ގެންދާ އެއްޗެއްޗާއި ތަކެއްޗާއި މީހުންގެ ހަރަކާތްތައް ރެކޯޑްކޮށް ބެލޭނެ އިންތިޒާމެއް ނެތެވެ. އަދި އެ ޓަވަރުތަކުގައި ސެކުރިޓީ ކަންކަން އިންތިޒާމް ކޮށްފައެއްވެސް ނެތެވެ.
އިއްޔެ ވައްކަމުގެ އެ ހާދިސާ ހިނގާފައި ވާއިރު، ފެލެޓް ލިބުނު ބައެއް މީހުންވެސް ހިމެނޭހެން ހަދައިގެން އުޅޭ ފްލެޓް ޔޫނިއަން އިން ބުނީ ބައެއް ތަޅުދަނޑިތަކުން ހައެއްކަ، އަށެއްކަ ޔުނިތުވެސް ހުޅުވޭ ކަމަށެވެ.
މިގެ ކުރިން ވެސް ހިޔާ ފްލެޓްތައް ހަދަން ގެންދިޔަ ސާމާނު ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެދުވަހު ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި 130 ގަނޑު ތަށިމުއްޓާއި، 30 ކޮތަޅު ސިމެންތީގެ އިތުރުން ދެ ފާހާނާގައި ހަރުކުރަން ގެންދިޔަ ހަތަރު ދޮރުފަތް ހިމެނޭ ކަމަށް ވަގަށް ނެގި އެއްޗެހީގެ ވެރިފަރާތް، އިބްރާހިމް މުހައްމަދު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުންޏެވެ.
ވައްކަން ކޮށްފައިވަނީ ލިފްޓު ބިޒީ ކަމުން އެ ތަކެތި ތިރީގައި ބެހެއްޓުމަށް ފަހު ސައިބޯން ދިޔަ ވަގުތު ކަމަށާއި ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައި ކަމަށް އޭނާ ބުންޏެވެ.