ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ގިނަ އަދަދަކަށް ފެންނަމުން ދާ އަވަށްޓެރި ސްރީލަންކާގައި މިދުވަސްވަރު ބަލިވެއިނުން މަޑުޖައްސާލަން އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.

ކޮވިޑްގެ އާލަމީ ބަލިމަޑުކަން ވެރިވެފައިވާ މި ނުރައްކާ ދަނޑިވަޅުގައި ބަލިވެއިނުން މަޑުޖައްސާލަން ސްރީލަންކާގހެ ސިއްހަތާ ބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފައި މިވަނީ، ފާއިތުވީ 4 ވަރަކަށް މަސްދުވަހުގެ ތެރޭގައި އެ ގައުމުން ކޮވިޑްގެ ޝިކާރައަކަށް ވެ، މާބަނޑު 40 އަށް ވުރެ ގިނަ މީހެއްގެ ފުރާނަ ގެއްލުމާ ގުޅިގެން ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑްގެ ޖެހިގެން ލަންކާއިން މާބަނޑު މީހަކު މަރުވެގެން އެންމެ ފުރަތަމަ ރިޕޯޓް ކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ސްރީލަންކާގެ ސަރުކާރުގެ ހެލްތު ޕްރޮމޯޝަން ބިއުރޯގެ ޑައިރެކްޓަރެއް ކަމަށް ވާ، ޗިތުރިމާލީ ޑި ސިވާލް، އޭއެފްޕީއަށް ވިދާޅުވީ، އެ ގައުމުގައި މާބަނޑު އަންހެނުން މަރުވާ ނިސްބަތަށް ބަލާއިރު، މީގެ ކުރިން މިއަދަދު އުޅުނީ 90 އާއި 100 އާ ދެމެދުގައެވެ. ނަމަވެސް، ކޮވިޑްގެ 3 ވަނަ ރާޅު ބިންދާލި ފަހުން، މާބަނޑު 41 މީހަކު، ހަމައެކަނި އެ ބަލީގައި މަރުވެފައި ވާ ކަން ޑި ސިލްވާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސްރީލަންކާ ސަރުކާރުގެ އޮބްސްޓެޓްރީޝަން އަދި ގައިނީ، ޑރ ހަރްޝާ އަޓައްޕައްޓު ވިދާޅުވީ، އަލަށް ކައިވެނި ކުރާ މީހުންނާއި، މިހާރުވެސް ދަރިއަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން، އެންމެ މަދުވެގެން އަހަރެއްހާ ދުވަހަށް އެކަން ފަސްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑި ސިލްވާ ވިދާޅުވީ މާބަނޑު 5500 އެއްހާ މީހަކަށް ކޮވިޑް ޖެހުނު ކަމަށާ، އޭގެ ތެރެއިން 70 ޕަސެންޓް މީހުންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެސް ކޮށްފައި ވާ މީހުން ކަމަށެވެ.

މި ދަނޑިވަޅަކީ، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ، ސްރީލަންކާގައި އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރަކަށް ވެފައި، ޑެލްޓާ ވޭރިއަންޓުގައި ކޮވިޑްގެ އަލާމާތްތައް އިންތިހާއަށް ގަދަވަމުން ދާތީ، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވަނީ، މާބަނޑު މީހުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް ގޮވާލައްވާފައެވެ.

ސްރީލަންކާގައި މިހާރު ތަންފީޒު ކުރަމުންދާ ހަރުކަށި ލޮކްޑައުންގެ އަމުރުތައް މިމަހުގެ މެދަކާ ހިސާބަށް ދަންމާލާފައި ވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަޖުރިބާކާރުން ވަނީ، އޮކްޓޯބަރު މަހުގެ ފެށުމާ ހަމައަށް، ހަރުކަށި ފިޔަވަޅުތައް ދަންމާލުމަށް، ސްރީލަންކާއަށް ގޮވާލައްވާފައެވެ.