ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއާޕޯޓް ރަންވޭ، ޓެކްސީވޭ، އޭޕްރަންގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މިހާރު ޓާމިނަލް ބިލްޑިންގެ ކޮލަމް ހެދުމުގެ މަސައްކަތް ކުރިއަށް ދާ އިރު، އެއާޕޯޓް ރަންވޭ، ޓެކްސީވޭ، އޭޕްރަން، ފަޔާ ޕެޑް އަދި ފަޔާ ރޯޑްގެ ސަބް ބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓް ފަޔާ ބިލްޑިންގުގެ ކޮންކްރީޓް މަސައްކަތުގެ 58 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއަކީ ކޮންސްޓަރްކްޝަން މަސައްކަތާއި، ބަނދަރު ހެދުމުގެ މަސައްކަތާއި މަގު ހެދުމާއި ތާރު އެޅުން ފަދަ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރާ ކުންފުންނެކެވެ. އެމްޓީސީސީން ރާޢްޖޭގެ އެކި ކަންކޮޅުތަކުގެ ތަފާތު މަސައްކަތްތައް ކުރިއަށް ގެންދާ އިރު، އެ ކުންފުނިން މި އަހަރު ހިންގި އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއު އަކީ ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއެވެ.